އިނގިރޭސިވިލާތުގެ ޓްރެވަލް ރެޑް ލިސްޓުން ރާއްޖެ އުނިކޮށްދޭން އެގައުމުގެ ސަރުކާރަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ގޮވާލައިފިއެވެ.

މިދިޔަ މޭ މަހު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ އެގައުމުގެ ރެޑް ލިސްޓަށް ރާއްޖެ އަރުވާފައެވެ. އެ ލިސްޓަށް އަރުވާފައިވާ ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ އެންމެވެސް 10 ދުވަހަށް ކަރަންޓީނު ފުރިހަމަ ކުރަން ޖެހެއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އިން ކޮވިޑް ކޭސްތައް ފެންނަ ނިސްބަތް މަދުވެފައިވާތީ އިނގިރޭސި ސަރުކާރުން އެކުލަވާލާފައިވާ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތައް ރިވިއުކޮށް އެ ލިސްޓުން ރާއްޖެ އުނިކޮށްދޭން ގޮވާލާ ކަމަށެވެ.

އިނގިރޭސި މީޑިއާ އިން ރިޕޯޓުކުރާ ގޮތުގައި މި ލިސްޓު މި ހަފްތާތެރޭގައި ރިވިއު ކުރާއިރު އެ ލިސްޓުން ރާއްޖެ އުނިކުރުމަކީ ވަރަށް ގާތް ކަމެކެވެ.