އަފްޣާން ސިފައިންނަށް ތާއީދުކޮށް ތާލިބާނާ ދެކޮޅަށް ކާބުލްއާއި ޚޯސްތު އަދި ނަންގަހާރު އަދި ކުނާރު ޕްރޮވިންސްގައި މީހުން މަގުތަކަށް ނިކުމެފައި ވެއެވެ. މި މީހުންގެ ތެރޭގައި ޕުޝްތޫ ދަރިކޮޅުގެ މީހުންނާއި ޕަޝްތޫ ތަހައްފުޒު މޫވްމެންޓް ސިޔާސީ ޖަމާއަތުގެ މީހުންވެސް ހިމެނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒިރު ވަނީ އަފްޣާން ރައީސްއާ ފޯނުން ގުޅުއްވައި ސަލާމަތީ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އަފްޣާނިސްތާންގެ ސަރުކާރުގެ ތާއީދުގައި އެމެރިކާ އޮތްކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އަފްޣާން އަންހެނުންނާއި ޅަ އަންހެން ކުދިންގެ ޙައްޤު ހިމާޔަތް ކޮށް ހުރިހައި ފަރާތެއް އެކުލެވޭ ސިޔާސީ ހައްލަކަށް ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

ކާބުލްގައި ހުންނަވާ އެމެރިކާގެ ސަފީރު ރޮސް ވިލްސަން ވަނީ އަފްޣާން ސިފައިން ގައުމުގެ ދިފާއުގައި ކުރަމުންދާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމީހުން ހަނގުރާމަ ކުރަމުންދަނީ އަފްޣާން ޑިމޮކްރެސިއާއި މިނިވަން ކަން ދިފާއު ކުރުމަށެވެ.

ކާބުލްގައި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަފްޣާން ޚާރިޖީ ވަޒީރު ޙަނީފް އާޓްމާރް ވަނީ ބައިނަލްއަގްވާމީ މުޖުތަމައުން ތާލިބާނަށް ފިއްތުންތައް ކުރިމަތި ކުރުމަށް ގޮވާލައްވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޤަތަރުން އަފްޣާނިސްތާނާ ބެހޭ ދެ ބައްދަލުވުމެއް ބާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަފްޣާނިސްތާންގެ ތާއީދުގައި ބަޔާންތައް ދިނުމުގެ ބަދަލުގައި އަމަލީ ގޮތުން މަސައްކަތްތަކެއް ކޮށް ދެއްކުމަށްވެސް އޭނާ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވައިލެއްވިއެވެ.

އާޓްމާރް ވިދާޅުވިގޮތުގައި ތާލިބާނުންނާއެކު ހަނގުރާމަ ކުރަމުން ދަނީ ބޭރުން ވަދެފައި ތިބި ޓެރަރިސްޓުންގެ ބައެކެވެ. އަދި މި މައްސަލަ އަފްޣާނިސްތާނުން އެގައުމުގެ ރަޙުމަތްތެރިންނާއެކު ޙިއްސާކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަފްޣާނިސްތާންގެ ފުރަތަމަ ނާއިބް ރައީސް އަމަރުﷲ ސާލިޙު ވަނީ ކާބުލްގައި ހުންނަ ނޭޓޯގެ އިސް މަދަނީ މަންދޫބާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ. އެއަށްފަހު ޓުއީޓް ކުރައްވަމުން އޭނާ ވިދާޅުވީ ހުރިހައި ފަރާތަކަށްވެސް ތާލިބާނުންނަކީ ކޮން ބައެއްކަން އެނގޭކަމަށާއި އެމީހުންގެ ތާއީދުގައި ތިބީ ކޮންބައެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. މިއީ ޕާކިސްތާނަށް ކުރެއްވި އިޝާރާތެއްކަމަށް ބެލެވެއެވެ.

އަފްޣާނިސްތާންގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ހަމްދުﷲ މުހިއްބު ވަނީ ކާބުލްގައި ހުންނަވާ ސައޫދީ އެމްބެސެޑަރާ ބައްދަލުކުރައްވައި ހާލަތު އޭނާއަށް ޚުލާސާކޮށް ދެއްވާފައެވެ.

ރަޝިޔާގެ މީޑިއާއާ ވާހަކަ ދައްކަވަމުން އަފްޣާނިސްތާންގެ ކުރީގެ ރައީސް ޙަމީދު ކަރްޒާއީ ވިދާޅުވީ ތާލިބާނުންނަށް ރައްޔިތުންގެ މެދުގައި ތާއީދެއް ނެތް ކަމަށެވެ. އަދި ރައްޔިތުން އެމީހުން ބަލިކޮށްލާނެ ކަމަށެވެ.

އަފްޣާނިސްތާންގެ މިނިސްޓްރީ އޮފް އިންފޮމޭޝަނުން ބުނާ ގޮތުން މީޑިއާއަށް ނުރައްކާ ކުރުމުގެ ސަބަބުން މިދިޔަ ތިން މަސްދުވަސް ތެރޭގައި 51 މީޑިއާ އޮފީހެއް ވަނީ ބަންދުކޮށްފައެވެ. ތާލިބާނުންގެ އަތް ދަށަށް ހަ މީޑިއާއެއް ގޮސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ތާލިބާނުން ހީރާތުގައި ހުންނަ އދގެ މަރުކަޒަށް ހަމަލަތައް ދިނުމުން، ކާބުލްގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުން ވަނީ ގުޅިގެން ބަޔާނެއް ނެރެ މި އަމަލު ކުށްވެރިކޮށްފައެވެ.

އދގެ ސަލާމަތީ މަޖިލީހުން ވަނީ އަފްޣާނިސްތާންގައި އިތުރުވަމުންދާ ހަމަލަތަކާއި ނުރައްކަލާ ބެހޭ ގޮތުން ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ތާލިބާނާއި ސަރުކާރުން މަޝްވަރާކޮށްގެން ސުލްޙަ ވުމަށާއި ހަމަލަތައް ހުއްޓާލުމަށް ގޮވާލާފައި ވެއެވެ.

ކާބުލްގައި ހުންނަ ނޭޓޯގެ މަންދޫބުގެ އޮފީހުން ބުނެފައި ވަނީ ނޭޓޯއިން އަފްޣާން ސިފައިންނަށް 70 މިލިއަން ޑޮލަރުގެ ސާމާނު ހަދިޔާކޮށްފައިވާނެ ކަމަށެވެ. މިއީ ކުރިން ދީފައިވާ 72 މިލިއަން ޑޮލަރުގެ ސާމާނުގެ އިތުރުން ދީފައިވާ ތަކެއްޗެވެ.

އެމެރިކާ އެމްބަސީން ބުނެފައިވަނީ ތާލިބާނުން މަދަނީން އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގޭގޭގައި ތާލިބާނުން ފިލައި ތިބޭ ކަމަށާއި އަދި މީހުން ގެއިން ބޭރަށް ނުކުތަ ނުދިނުމަށް ގޯތި ތެރޭގައި ލޭންޑް މައިން ބޭނުން ކުރާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މިކަމަކީ ހަނގުރާމައިގެ ޖަރީމާއެއްކަމަށް ބުނެ ތާލިބާނަށް އިންޒާރު ކޮށްފައި ވެއެވެ.