ޗައިނާއިން 350އެއްހާ ފޭކް އެކައުންޓް ބޭނުންކޮށްގެން ޗައިނާއިން ހާމަކުރަން ބޭނުންވާ މަޢްލޫމާތު ދުނިޔެއަށް ފަތުރައި އަގު ވައްޓާލަން ބޭނުންވާ ފަރާތްތައް ބޭޒާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ބީބީސީގެ ތަހުލީލީ ރިޕޯޓެއްގައި ހާމަކޮށްފިއެވެ. ބީބީސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ޗައިނާގެ މި މަސައްކަތުގެ މަގްސަދަކީ، ހުޅަނގުގައި ޗައިނާގެ ބުރުސޫރަ ރީތިކޮށްދީ، ނުފޫޒު ފެތުރުމަށް މަސައްކަތް ކުރުމެވެ. އަދި ފާޑުކިޔާ ފަރާތްތަކުގެ އަގު ވައްޓާލުމެވެ.
ސެންޓަރ ފޯރ އިންފޮމޭޝަން ރެޒީލިއަންސްއިން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓް ވަނީ ބީބީސީއާ ޙިއްސާކޮށްފައެވެ.
މި ރިޕޯޓްގައި ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ޗައިނާގެ އެކައުންޓްތަކުގައި ބޭނުންކޮށްފައިވާ މީހުންގެ ވަނަވަރަކީވެސް ފޭކް ވަނަވަރެއް ކަމެވެ. މި ވަނަވަރުތަކުގައި ބޭނުންކޮށްފައިވާ މީހުންގެ ފޮޓޯތަކަކީވެސް އުފައްދާފައިވާ ހަގީގީ މީހުންތަކެއްހެން ހީވާ މަސްނޫއީ ފޮޓޯތަކެވެ.
މި އެކައުންޓްތަކުން އަގުވައްޓާލުމަށް މަސައްކަތް ކޮށްފައިވާ މީހުންނަކީ ޗައިނާގެ ސަރުކާރާ ދެކޮޅުވެރިންނެވެ. ނުވަތަ ޗައިނާއަށް ފާޑު ކިޔާ ބިދޭސިންނެވެ. ކޮވިޑާ ގުޅިގެން ޗައިނާއަށް ބަދުބަސް ބުނެފައިވާ ދުނިޔޭގެ ބޮޑެތި ނަންތައް ބަދުނާމު ކުރުމަށްވެސް މިއެކައުންޓްތަކުން މަސައްކަތް ކޮށްފައި ވެއެވެ.
މީސްމީޑިއާގެ ހުރިހައި ވަސީލަތެއްގައިހެން މި އެކައުންޓްތައް ބޭނުން ކޮށްފައި ވެއެވެ. ޓުއިޓާއާއި އިންސްޓަގްރާމާއި އެފްބީއާއި ޔޫޓިއުބްގައިވެސް މަސްނޫއީ ސިކުނޑި ބޭނުންކޮށްގެން އުފައްދާފައިވާ މަސްނޫއީ މޫނޫތަކުގެ ވެރިންގެ މަސްނޫއީ ވަނަވަރު ބޭނުން ކޮށްފައި ވެއެވެ.
ޗައިނާ ސަރުކާރާއި މި މަސައްކަތާ ގުޅުވާލާނެ ހެއްކެއް ނެތެވެ. ނަމަވެސް ސީއައިއާރުން ލަފާކުރާ ގޮތުގައި މީގެ ކުރިންވެސް ދިރާސާކޮށްފައިވާ ޗައިނާ ސަރުކާރާ ގުޅުންހުރި މިފަދަ މަސްނޫއީ އެކައުންޓްތަކުން ކޮށްފައިވާ މަސައްކަތާއި މި އެކައުންޓްތަކުގެ މަސައްކަތާ ވަރަށް ވައްތަރެވެ. ޗައިނާ ސަރުކާރުގެ ބަސްމަގާއި ސަރުކާރު ޕްރޮޕެގެންޑާ ފެތުރުމަށް މި އެކައުންޓްތައް މަސައްކަތް ކޮށްފައިވާކަން ދޭހަ ވެއެވެ.
އެމެރިކާއަށް އަމާޒުކޮށްފައިވާ ބަހުގެ ހަމަލަތަކުގައި އެމެރިކާގައި އިންސާނީ ހައްގެއް އިޙުތިރާމެއް ނޯންނަކަމަށާއި ޖޯޖް ފްލޮއިޑްގެ ހާދިސާއަށް އަމާޒުކޮށް ވާހަކަ ފަތުރާފައި ވެއެވެ. އަދި އެމެރިކާއަށް ބަޑި ކޮންޓްރޯލް ނުކުރެވިގެން އުޅޭ މައްސަލަ ފަށްކޮށްފައި ވެއެވެ. ބީބީސީ