ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކަރަންޓު ދީފި އެވެ.
ފެނަކައިން ބުނީ އެ ސިޓީއަށް ކަރަންޓަށް ދިމާވި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރި މަސައްކަތުން އެރަށަށް 4500 ކޭވީއޭގެ ޓްރާންސްފޯމަރެއް އިންސްޓޯލްކުރުމަށްފަހު، މުޅި ރަށަށް ކަރަންޓް ދީފައިވަނީ މިއަދު ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.
ފުވައްމުލަކަށް ހައި ވޮލްޓޭޖުގައި (2،500 ކިލޯވޮޓުގެ) ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާސްފޯމަރ ހަލާކުވުމުން، އެ ސިޓީ އިން ކަރަންޓު ކެނޑުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރު އެވެ.
ފުވައްމުލަކު ސިޓީގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބުރޫތަކެއް އެރީ، މިމަހުގެ 2 ވަނަ ދުވަހުގެރޭ ކަރަންޓް ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ނެވެ. މިކަމުގެ ސަބަބުން އެ ސިޓީގެ ގާތްގަނޑަކަށް %80 އަށް ފެނާއި ކަރަންޓުގެ ޚިދުމަތަށް ބުރޫ އެރި އެވެ.
ނަމަވެސް އެދުވަހު އެކަމަށް ވަގުތީ ހައްލެއް ހޯދުމަށްފަހުފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެނަކައިން ވަނީ ކަރަންޓު ފޯރުކޮށްދީފަ އެވެ.
ފުވައްމުލައް ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެއާއި، ކަރަންޓު ނެޓްވޯކަށް ދުވަސްވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ފެނަކައިން ވަނީ ފާހަގަކުރައްވާފަ އެވެ.
މިކަމަށް ހައްލެއް ގެނައުމަށްޓަކާ އެސިޓީގައި އައު އިންޖީނުގެއެއް އަޅާ، ނެޓްވޯކް އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފެނަކައާ ޙަވާލުކޮށްފައިވާ އިރު، އެ މަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އަމާޒަކީ މިމަހުގެ ތެރޭގައި އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުންކަމަށް ފެނަކައިން ބުނެ އެވެ.
ފުވައްމުލައް ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް އިންޖީނުގެ ބަދަލުކުރުމުގެ މަޝްރޫޢަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ މަޝްރޫޢެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 21 ކިލޯމީޓަރުގެ ނެޓްވޯކް އެއްކޮށް ބަދަލުވެގެންދާނެ އެވެ.