އަހަރެން ތައްޔާރުވެގެން ބޭރަށް ނުކުންނަން ބަލާލި އިރު އައިނެއް ނެތެވެ. އަހަންނަކީ ކުޑައިރުއްސުރެ އައިނު އަޅައިގެން އުޅެން ޖެހިފައިވާ މީހެކެވެ. އައިނު ނެތްނަމަ ބަތްތަށްޓަށް އެޅެނީ ރިހަކަން ނޫނީ ގަރުދިޔަކަން ނޭނގޭހާ ވެސް ލޯ އަނދިރިއެވެ. އެހެން ކަމުން އައިނު ހޯދަން ފަށައިފީމެވެ. އައިނަކީ އަހަރެންގެ ލޮލެވެ. އަބަދުވެސް އެއްތަނެއްގައި އައިނު ބޭއްވޭތޯ ބަލަމެވެ. އެއީ ޑްރެސިންޓޭބަލްގެ ވަކި ތަނެކެވެ. ނަމަވެސް މިއަދު އެތާކު އައިނެއް ނެތެވެ. މުޅި ކޮޓަރި ހޯދި އިރުވެސް އައިނެއް ނުފެނުނެވެ.

ކޮޓަރިން ނުކުތްއިރު ފަހާފޮށި ދޮށުގައި ކޮންމެވެސް އެއްޗެއް ފަހަން ދޮންތަ އިނެވެ. އަހަރެން ހަމަ ފެނުމާއެކު އަވަހަށް ބަރަނިކޮޅު ގަނެދޭން ދާށޭ ބުނެފިއެވެ. ދޮންތާއެވެ. އަހަރެން މިއުޅެނީ އައިނު ގެއްލިގެންނޭ ބުނެފީމެވެ. އަހަރެންގެ ޖުމުލަ ހަމަ ނިމުމާއެކު ދޮންތަ ރުންކުރުވެ ހުރެ އެތިވަރު ގޮވައިގަތެވެ. އަޒުމީލަށް ދުވަހަކުވެސް އެއްޗެއް ބޭއްވޭތަނެއް ނޭނގޭނެއެވެ. އައިނަކީ އެހާ މުހިއްމު އެއްޗަކަށްވާއިރު ވެސް އެތައް މިތާނގައި އައިނު ބާއްވާތީއޭ ކިޔާފައެވެ. ތިޔަހާ ފަރުވާކުޑަ ވާކަށް ނުވާނެ ކަމަށް ބުނެއެވެ. ދޮންތަ ގާތު ބުނުމުގެ ކުރިންވެސް އަހަންނާ ދިމާއަށް އެއްޗެހި ކިޔާނެކަން އެނގެއެވެ. ކިރިޔާ ކަމެއް ގޯސްވިޔަސް ދޮންތަ ހުންނާނީ ހަމަ ރުޅިއައިސްގެން ކުޅަނދުރަކަށް ވެފައެވެ.

ދޮންތަ އެހެން އެއްޗެހި ކިޔުމަކީ ހަމަ އާދައެކެވެ. އެހެންނަމަވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އައިނު ބޭއްވީ އަބަދުވެސް އަހަރެން އައިނު ބާއްވާ ތަނުގައެވެ. އެހެނަސް އައިނަކީ ހިނގާފައި އަމިއްލައަށް ތަނަކަށް ދެވޭނެ އެއްޗެއް ނޫނެވެ. އެހެންވީމާ އައިނު އެތާގައި ނެތުމުން އަހަރެން ވެސް ވަރަށް ހައިރާންވެ، ކަންބޮޑުވިއެވެ.

އަހަރެންގެ އައިނު ގެއްލިގެން އުޅޭކަން އެނގުމުން، ގޭގައި އުޅޭ އެހެންކުދިންވެސް އައިނު ހޯދައިދިނުމަށް އެތަން މިތަން ހޯދަން ފަށައިފިއެވެ. ދޮންތަ ހަމަ ފަހާފޮށި ދޮށު އިނދެ ރުޅިއައިސްގެން އަހަންނާ ދިމާއަށް އެއްޗެހި ގޮވަމުންދެއެވެ. އިރު އިރުކޮޅާ ދޮންތަގެ އައިނު ނަގާ ފޮހެވެސް ހަދައެވެ. އިރުކޮޅަކުން ގޭގައި އުޅޭ ކުއްޖަކަށް ގޮވާލާފައި ދޮންތަގެ އައިނު ސާފުކުރާ ފުޅި ގެނައުމަށް އެދުނެވެ. އެކުއްޖާ އެ ފުޅި ހިފައިގެން އައުމުން ދޮންތަ އަޅައިގެން އިން އައިނު ނަގަން ފެށުމުން އެކުއްޖާ ބުނެލިއެވެ. ދޮންތަ އަޅައިގެން ތިޔަ އިނީ އަޒުމީލުބެގެ އައިނެވެ. މިހެން ބުނުމުން ދޮންތަ އައިނު ނަގާ ރަނގަޅަށް ބަލާލިއެވެ. އަދި ހޫނ! އޭ ކިޔާފައި އަހަންނަށް ގޮވާލާފައި ބުންޏެވެ. އަހަރެންގެ ލޮލުގައި މި އައިނު އިން އިރުވެސް އަޒުމީލަށް ނުފެނޭހެއްޔެވެ؟ ގައިމު މިހާވަރަށް އައިނު ފުސްވެގެން އުޅުނު އިރުވެސް ބަލައިލިއްޔާ ވާނީ ކީއްހެއްޔެވެ؟

ދޮންތަ އަހަރެންގެ ކޮޓަރިއަށް ވަދެ އަހަރެންގެ އައިނު އޮތްތަނުން ނަގައިގެން އަޅައިގެން އައިސް އިން އިރުވެސް މި ގޯސްވީ އަހަންނެވެ. އެދުވަހު އަހަރެން ހިތަށް އެރިއެވެ. ފޯނު ރިންގުވާގޮތަށް އައިނުންވެސް ރިންގުވާނަމަ އެ ހުރިހާ ހޯދުންތަކެއް ހޯދާކަން ނުޖެހުނީހެވެ. ދޮންތަ އަޅައިގެން އިނީ އަހަރެންގެ އައިނުކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެނގުނީސްތާއެވެ.