އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ އެޖެންޓަކު ޗައިނާއަށް ތުހުމަތުކޮށްދިން ކަމަށް ބުނެ ޗައިނާ ދަރިކޮޅުގެ މީހަކު އެމެރިކާއިން ހައްޔަރުކޮށްފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނިގޮތުގައި މިއިން ދައްކައި ދެނީ އަބަދުވެސް އެމެރިކާ ފާރައަށް އޮންނަން ޖެހޭކަމެވެ.

ހައްޔަރުކޮށްފައިވާ އެލެގްޒެންޑަރ ޔަކް ޗިންގ މާ އަކީ އުމުރުން67 އަހަރުގެ މީހެކެވެ. އޭނާ ވަނީ ވަޒީފާއިން މުސްކުޅިކޮށްފައެވެ.

ބެލެވޭ ގޮތުގައި މިމީހާ ވަނީ އެމެރިކާގެ ވަރަށް ހައްސާސް މަޢްލޫމާތުތަކެއް ޗައިނާގެ ޖާސޫސީ އޮނިގަނޑުގެ އެންމެ އިސްފަރާތްތަކާ ހިއްސާކޮށްފައެވެ.

އެފްބީއައިގެ ހަވާއީގެ ހޮނުލޫލޫގެ އޮފީހުން މިމީހާ ހައްޔަރު ކުރުމާގުޅިގެން އެފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިކަހަލަ ޖާސޫސްކުރުމުގެ މައްސަލަތައް ނިންމަން އެތައް އަހަރެއް ނަގާފާނެ ކަމަށެވެ.

އެމެރިކާ ސަރުކާރުން ކޯޓަށް ހުށަހަޅާފައިިވާ ލިޔުންތަކުން އެނގޭ ގޮތުގައި މާ އަކީ ހިންގ ކޮންގ ގެ އުފަން މީހެކެވެ. އޭނާ ސީއައިއޭއަށް މަތީފެންވަރުގައި މަސައްކަތް ކޮށްދީފައި ވެއެވެ.

މާ ސީއައިއޭގެ ވަޒީފާ ދޫކޮށްލާފައިވަނީ1989 ގައެވެ. އެއަށްފަހު އޭނާ ވަނީ ޝެންހާއީގައި މަސައްކަތް ޮކޮށްފައެވެ. އަދި2001 ގައި އެނބުރި ހަވާއީއަށް އައިސްފައެވެ.

މާއާއެކު މިކަމުގައި އޭނާގެ އާއިލާގެ އެހެން މީހަކު ބައިވެރިވާ ކަމަށްވެސް ބުނެފައި ވެއެވެ. ޖުމުލަ ދިހަ އަހަރުވަނދެން މިމީހުން ޖާސޫސްކޮށްދިން ކަމަށް ވެއެވެ.

ހަވާއީގައި ފަހުން މާ ވަނީ އެފްބީއައިގައި ތަރުޖަމާނެއްގެ މަސައްކަތުގައިވެސް އުޅެފައެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބޭރު ގައުމެއްގެ ސަރުކާރަކަށް އެމެރިކާގެ ދިފާއީ މަޢްލޫމާތު ފޯރުކޮށްދިންކަމުގެ ކުށުގައެވެ. މިކުށް ސާބިތު ވެއްޖެނަމަ އުމުރަށް ޖަލަށް ލެވޭނެއެވެ.