ރިސޯޓުތަކުގެ 91 ޕަސެންޓް މުވައްޒަފުން ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން 97 ޕަސެންޓް މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށާއި އަދި ދެވަނަ ޑޯޒު ޖެހި މުވައްޒަފުންގެ އަދަދު އުޅެނީ 91 ޕަސެންޓުގައި ކަމަށެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ދޭ "އައި އޭމް ވެކްސިނޭޓެޑް ބެޖް" ދާދިފަހުން ވަނީ އިފްތިތާހުކޮށްފައެވެ. މިއީ އެ ދާއިރާގެ މުވައްޒަފުން ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކެމްޕެެެއިން އެކެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 278،469 އަށް އަރާފައެވެ.