ފެނާއި ނަރުދަމާ ގާއިމު ކުރުމުގައި އެންމެބޮޑު ގޮން ޖެހުމަކީ ރަަށްތައް ދުރުގައި ހުރުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ފެނާއި ނަރުދަމާގެ ނިޒާމު ރާއްޖޭގައި މީހުން ދިރުއުޅޭ ހުރިހާ ރަށެއްގައި ގާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެއް ކަމަށެވެ.

"2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް "ފެނާއި ނަރުދަމާ ނިޒާމަކީ، ައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤަކަށް ވިޔަސް، ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް" ކަމަށް ވަނީ ވިދާޅުވެފައެވެ." އެ ކުންފުނިން ބުނެފައި ވެއެވެ.

އެހެންވެ، ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެމަސައްކަތް ފެށުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެކަށީގެންވާ ފެނާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ރަށްރަށުގެ ފެންފަށަލަ ތަޣައްޔަރުވުމާއި ފެން ލޮނުވުންފަދަމައްސަލަތަކަކީ ގިނަ ރަށްތަކުގައި ޒަމާނުއްސުރެ ދިމާވަމުންދާ ކަންތައްތައްކަން އެމްޑަބްލިއުއެސްސީ އިން ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން އާބާދީ ތޮއްޖެހިފައިވާ ގިނަރަށްރަށަކީ މިހާރު ފެންފަށަލަ ތަޣައްޔަރުވުމުގެ ސަބަބުން ބިމުން ނަގާފެން ކެއިންބުއިމަށް ބޭނުންކުރަން އެންމެ އެކަށީގެންވާ ހާލަތުގައި ހުރި ރަށްރަށެއް ނޫން ކަމަށާއި މިފަދަ ރަށްތަކުގައި ބޭރަށް ހިންގުން ފަދަ ބަލިތަކުގެ ބިރުވެރިކަން އަބަދުވެސް އޮންނަކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމަށް ފެން ބޭނުން ކުރުމުގައި ކްލޮރިންފަދަ ކެމިކަލްތައް ބޭނުންކުރަން ޖެހޭކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ހަމައެއާއިއެކު، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީވަމުން އަންނައިރުވެސް އެންމެބޮޑު އެއްދަތިކަމަށް ފާހަގަ ވަމުންދަނީ ގިނަ ރަށްރަށުގައި އެކަށީގެންވާ ފެނާ ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުގެ ދަތިކަން ކަމަށާއި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގައި ދިމާވެފައިވާ މައިގަނޑު އެއްގޮންޖެހުމަކީ ރާއްޖޭގެ ރަށްތައް ދުރުދުރުގައި އުފެދިފައިވުންކަން އެމްޑަބްލިއުއެސްސީ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންނަމަވެސް މި ސަރުކާރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.