ޚަލީފާ ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ގެ ޚިލާފަތުގެ ދުވަސްވަރު، ރޫމީ ދައުލަތާ ހަނގުރާމައަށް، އެކަލޭގެފާނު ލަޝްކަރެއް ނެރުއްވިއެވެ. މި ލަޝްކަރު ރޫމީންގެ ލަޝްކަރާ ބައްދަލުކޮށް ހަނގުރާމަކުރުމުގެތެރޭގައި ރޫމީންގެ އަތްދަށުގައި ހައްޔަރުވީ އަސީރުންގެތެރެއިން އެއް ބޭކަލަކީ، ޒުވާން ޞަޙާބީއެއް ކަމުގައިވާ، ޢަބްދުﷲ ބްނު ޙުޛާފާ އެވެ.

ކޮންމެއަކަސް، މި ދެންނެވި ޒުވާން ޞަޙާބީ، ޤައިޞަރުގެ ދަރުބާރަށް ޙާޒިރުކުރެވުނެވެ. އަދި އިސްލާމްދީން ދޫކުރައްވައި، ނަޞާރާދީނަށް ވެދެވަޑައިގަތުމަށް މަޖުބޫރުކުރުވުމުގެ ގޮތުން، ބޮޑެތި އިމްތިޙާނުތަކާ އެކަލޭގެފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

މި އިމްތިޙާނުތަކުގެތެރޭގައި، ނަޞާރާ ދީން ޤަބޫލުކުރައްވައިފިނަމަ، ރަސްކަމުގެ މިލްކުގެ ދެބައިކުޅަ އެއްބައި އެކަލޭގެފާނަށް ދޭން ހުށައެޅުމާއި، ޞަލީބަށް އެރުވުމަށްފަހު، އެކަލޭގެފާނުގެ ހަށިކޮޅަށް އަރާނާރާ ހިސާބުން ދުނި ޖަހައި މަރުގެ ބިރު ދެއްކުން ހިމެނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން، ޒުވާން ޞަޙާބީގެ ޢަޒްމަކަށް ކުޑަނަމަވެސް ގުޑުމެއް އަރުވައެއް ނުލެވެނެވެ.

އެންމެ ފަހުން ރަސްގެފާނަށް މިކަމުގައި ގޮތް ހުސްވިއެވެ. އެހިނދު، އެކަލޭގެފާނު ޞަލީބުން ބޭލުމަށްފަހު، ކެކިކެކި ހުރި ތެޔޮ ތެއްޔެއްގެ ކައިރިއަށް ގެންދެވުނެވެ. އަދި މުސްލިމުންގެ އަސީރުންގެތެރެއިން ދެ އަސީރުން ގެނަސް، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އޭގެތެރެއިން އެއް އަސީރަކު، އެ ތެޔޮތެއްޔަށް ވައްޓާލައި ހަނާކޮށްލިއެވެ.

ރަސްގެފާނުގެ މި އަނިޔާވެރި ލާއިންސާނީ ޢަމަލުންވެސް، އެކަލޭގެފާނުގެ އަޒުމަކަށް ގުޑުމެއް ނޭރިއެވެ. ރަސްގެފާނުގެ އެދުމުގައި އެކަލޭގެފާނު ޖެއްސެވީ ކޮޅުފައިންނެވެ. މި ހިސާބުން ސީދާ އެކަލޭގެފާނު ތެޔޮ ތެއްޔަށް ވައްޓާލުމަށް ރަސްގެފާނު އަމުރުކުރިއެވެ. މި އަމުރާ ގުޅިގެން އެކަލޭގެފާނު ތެޔޮ ތެލީގެ ކައިރިއަށް ގެންދެވުނު ވަގުތު، ލޯފުޅުން ކަރުނަފޮދު ފޭދުނެވެ. މި މަންޒަރު ރަސްގެފާނަށް ފެނުމުން ހިތަށް ފިނިކަން ލިބުނެވެ. އަދި ހީކުރީ އެކަލޭގެފާނު މަރަށް ބިރުގެންވަޑައިގަތީކަމަށެވެ. އެހެންކަމުން ރަސްގެފާނު މިކަމާ އުފާ ކޮށް، އެކަލޭގެފާނު އަނބުރައި އޭނާގެ ކުރިމައްޗަށް ގެނަސް، ނަޞާރާދީނަށް ވަންނަވަން އެންގިއެވެ. ނަމަވެސް މިފަހަރުވެސް އެކަލޭގެފާނު ކުރެއްވީ، ކަނޑައެޅިގެން އިންކާރެވެ.

އެހިނދު ޤައިޞަރު ބުންޏެވެ. [ކަލޭގެފާނަށް ހަލާކު ހުއްޓެވެ. ކަލޭގެފާނު ކީރިތިކުރައްވަން ޖެހުނީ ކޮންކަމަކާހެއްޔެވެ؟]

ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. [ކީރިތިކުރެއްވުނީ، ތިމަންކަލޭގެފާނުގެ ހަށިކޮޅުގައި އެންމެ ނަފްސެއް ވާތީއެވެ. ހަށިކޮޅުގައި މިވާ އިސްތަށިތަކާ އެއްވަރަށް، ތިމަންކަލޭގެފާނަށް ނަފްސު ލިބިވަޑައިގެން ވީނަމަ، ތެޔޮ އެއްޗަށް ވައްޓާލުމުން، އެއިން ކޮންމެ ނަފްސަކަށް ލިބޭ ވޭނުގެ ޘަވާބު ގިނަވެގެންދާނެ މިންވަރު ހިތަށްއަރައިވަޑައިގަތުމުން، އެކަމާ ދެރަވެ، ކީރިތި ކުރެއްވުނީއެވެ.]

އެކަލޭގެފާނުގެ މި ހިތްވަރާއި ސާބިތުކަމާއި ގަދަފަދަ އީމާންކަން ފެނުމުން ރަސްގެފާނު ޙައިރާންވެ އަންތަރީސް ވެއްޖެއެވެ. އަދި އެކަލޭގެފާނާ މުޚާޠަބުކޮށް ބުންޏެވެ. [ތިމަން ރަސްގެފާނުގެ ބޮލުގައި ބޮސްދެއްވާށެވެ! އޭރުން މިނިވަންކޮށްދޭނަމެވެ.]

ޒުވާން ޞަޙާބީ، ވިސްނަވާލެއްވުމަށްފަހު ވިދާޅުވިއެވެ. [މުސްލިމުންގެ ހުރިހާ އަސީރުން މިނިވަންކޮށްދޭނަމަ، ތިމަންކަލޭގެފާނު ތިޔަކަމަށް ތައްޔާރެވެ.]

ކޮންމެއަކަސް އެގޮތުގެމަތިން ރަސްގެފާނުގެ ބޮލުގައި ބޮސްދެއްވުމަށްފަހު، މުސްލިމުންގެ އެތަކެއް އަސީރުން މިނިވަންކުރައްވައިގެން، ފަޚުރުވެރިކަމާއެކު މަދީނާއަށް އެނބުރި ވަޑައިގަތެވެ.

މިޚަބަރު ޢުމަރުގެފާނަށް ލިބިވަޑައިގަތުމުން، އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތާމެދު އުފާކުރައްވައި އެކަލޭގެފާނުގެ އިސްތަށިފުޅަށް ބޮސްދެއްވަމުން ވިދާޅުވިއެވެ. [ޢަބްދުﷲ ބްނު ޙުޛާފާގެ އިސްތަށިފުޅަށް ބޮސްދިނުން ކޮންމެ މުސްލިމެއްގެ މައްޗަށް ޙައްޤުވެއްޖެއެވެ. އަދި މިކަން ފައްޓަވާހުށީ ތިމަންކަލޭގެފާނެވެ.]

މި ޒުވާން ޞަޙާބީ، ޢަބްދުﷲ ބްނު ޙުޛާފާ އަކީ، ތައުޙީދުގެ ކަލިމައިގެ މަތީގައި ތުއްޕުޅު އިރުންފެށިގެން ބިންގާ އެޅިގެން ބޮޑުވެވަޑައިގެންނެވި ޒުވާނެކެވެ. އީމާންކަމުގެ ނޫރުން އެކަލޭގެފާނުގެ ހިތްޕުޅު ވަނީ އަލިވެ އުޖާލާ ވެފައެވެ. އެހެންކަމުން، ﷲ ތަޢާލާ ފިޔަވައި، އެކަލޭގެފާނު ބިރުވެތިވެ ޖެހިލުންވެ ވަޑައިގަންނަވާ އެއްވެސް ފަރާތެއް ނުވެއެވެ.

އިސްލާމީ އުއްމަތް މިއަދު އެދި އާދޭސްކުރަނީ މިފަދަ ޒުވާނުންނަށެވެ. ނަމަވެސް މިފަދަ ޒުވާނުން އުފެއްދޭނީ، އަޅުގަނޑުމެންގެ މައިންބަފައިންގެ ކިބައިގައި އެ ފަދަ އީމާންކަން ވަރުގަދަ ޒުވާނުން އުފެއްދުމުގެ ޞަލާޙިއްޔަތު ހުރެގެންނެވެ. އަދި އަޅުގަނޑުމެންގެ ދަރުސްގާހުތަކުން ނިމިގެން މުޖްތަމަޢަށް ނުކުންނަ ޒުވާނުންގެ އަރުތެރޭގައި އީމާންކަމުގެ ފޮނި ރަހަ ލައްވައިދެވިގެންނެވެ.

ﷲ ތަޢާލާ އެކަމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރުކުރައްވާށިއެވެ! އާމީން!