ރާއްޖޭގައި މަރުގެ ނުރައްކާ އޮތީ ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކަނި ނޫންކަމަށާއި އެއަށްވުރެން ބޮޑަށް ނުރައްކާ އޮތް މީޙުުން އެބަތިބި ކަމަށް އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހިިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އިބުރާ މިހެން ވިދާޅުވީ، މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ން އެކުލަވާލާފައިވާ ރެކޮމަންޑޭޝަންތަކަށް އަމަލު ކުރަން ރާވާފައިވާގޮތް ސަރުކާރުން އެންގުމުން ނޫނީ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައި ގަތުމަކީ ރުހޭ ކަމެއްނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވާ ގުޅިގެންނެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެކަމަށް، އެމަނިކުފާނުގެ އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ހާމަކުރުމާ ގުޅިގެންނެވެ.

އެކަމާގުޅިގެން އިއްޔެ ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފު ވިދާޅުވީ، އިންކުއަރީގެ ރެކޮމެންޑޭޝަނަށް އަމަލު ކުރަން ރާވާފައިވާގޮތް އެންގުމުން ނޫނީ އެނބުރި ރާއްޖެ ވަޑައި ގަތުމަކީ އޭނާ އެދޭނެ އަދި ރުހޭނެ ކަމެއްނޫން ކަމަށެވެ.

އެގޮތަށް ބުނަން ޖެހުނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައިހުރި ކަންކަމަށް އަމަލު ކޮށްފައިހުރި ގޮތުން ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފުގެ އެ ވާހަކަ ތަކަށް ރައްދު ދެއްވައި މިއަދު އިބުރާ ކުރެއްވި ޓްވީޓެއްގައި ވަނީ، ހަސަން ލަތީފު އެހެން ވިދާޅުވީ، އެވިދާޅުވެވޭ އެއްޗެއް އެނގިވަޑައިގެންތޯ، ސުވާލު ކުރައްވައިފައެވެ.

ރައީސް ނަޝީދަށްވުރެން، ބޮޑު ނުރައްކަލެއްގައި ތިބި މީހުންވެސް ރާއްޖޭގަައި އެބަތިބި ކަމަށާއި، ނަމަވެސް މޮޓޯކޭޑާއި ބޮޑީގާޑުންނާނުލައި އެމީހުން އުޅެމުންދާ ކަމަަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މަރުގެ ތްރީޓް އޮތީ އަންނިއަށް އެކަންޏެއްނޫން. އެއަށްވުރެން ބޮޑު ތްރީޓުގައި ތިބި މީހުން ވެސް އެބަތިބި. މިއޮއް އުޅެނީ މިއޮއް އުޅެނީ މޮޓޯކޭޑާއި ބޮޑީގާޑުންނާއި ނުލައިވެސް،"

އެފަދަ ވާހަކަތައް ނުދައްކައި ރައީސް ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވިގެން އުޅުއްވަން ޖެހިވަޑައިގަންނަވާ އަސްލު ސަބަބު ވިދާޅުވެދެއްވުން މާ ރަނގަޅު ވާނެ ކަމަށްވެސް އިބުރާ ވިދާޅުވިއެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.