ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ގައުމީ ހަރަކާތް (ޑީއެންއޭ) އިން ރިޔާސީ ކެންޑިޑޭޓަކު ނެރުމާ ބެހޭ މަޝްވަރާ މާދަމާ އޮންނާނެއެވެ. މިމަޝްވަރާތަކުގައި ފުރަތަމަ ނިންމާނީ ޑީއެންއޭގެ ނަމުގައި ކެންޑިޑޭޓަކު ނެރޭނެތޯ ނުވަތަ ނޫންތޯއެވެ.
ޑީއެންއޭގައި އިސްކޮށް އުޅުއްވާ އެއްބޭފުޅެއް ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭ ކަމަށް މާކުރިން ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޑީއެންއޭއިން ވާދަކުރަން އެކްސްކޯއިން ނިންމައިފި ކަމަށްވާނަމަ އެކަންކުރާނެ ގޮތެއްވެސް ނިންމަންޖެހޭ ކަމަށެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް ރައީސް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަކަށްވުރެ ގިނަ މީހުން އެ މަގާމަށް ކުރިމަތިލައިފި ކަމަށްވާނަމަ ޕްރައިމަރީއެއް ބާއްވަން ޖެހޭނެ ކަމަށް ދެކެވަޑައިގަންވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
މާދަމާގެ ބައްދަލުވުމުގައި ނިއުޅެމުންދާ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ވެސް ޑީއެންއޭގެ އެކްސްކޯ މީޓިންގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޑީއެންއޭއަކީ އެ މީހެއްގެ ސިޔާސީ ފިކުރު މިނިވަންކަމާއެކު ފާޅުކުރުމަށް އެކުލަވާލައިފައިވާ ސިޔާސީ ހަރަކާތެކެވެ. ނުވަތަ ސިޔާސީ ޕްލެޓް ފޯމެކެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ސިޔާސީ ޕާޓީތަކުގެ މީހުންނަށް ވެސް ވަނީ ޑީއެންއޭގެ ފޯރަމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.