ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދުކުރަމާއި ގުނޫތު ކިޔުން ހުއްޓާލަން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވި ރަނގަޅުވެފައިވާކަމަށާއި، އަދި އާންމު ރައްޔިތުންނަށް ވަރަށް ގިނަ ކަންކަމުގައި ލުއި ދީފައިވާކަމަށެވެ.

އެހެންކަމުން މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ޖަމާއަތް، ގައިދުރުކޮށްގެން ހެދުމާއި ޖަމާއަތުގައި ޤުނޫތު ކިޔުން ހޮނިހިރު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މަޑުޖައްސާލުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ. އެހެންނަމަވެސް މިސްކިތުގައި ތިބޭ ވަގުތުތަކުގައާއި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުމަށާއި ކަމާގުޅޭ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.