ލޯކަލް ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ނުކުރެވި އޮތް ފަސް ރަށުގެ އިންތިޚާބުގެ ވޯޓު ލުން މިއަދު ފަށައިފިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން ހަމަކުރަން މިއަދު ވޯޓުލުން ކުރިއަށް ދަނީ ހދ. ނޮޅިވަރަމް، ނ. ކެނދިކުޅުދޫ، އއ. ފެރިދޫ، ކ. ދިއްފުށި އަދި ނ. މަގޫދޫގެ އިތުރުން މާލޭގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 3:00 އަށް ކަމަށެވެ. އީސީ އިން ބުނެފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑިއަކީ މެންދުރުފަހު 2:00 އިން 3:00 އަށް ކަމަށެވެ.

ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓް ފަހުން ކަމަށާއި އިންތިޚާބުގެ ރަސްމީ ނަތީޖާ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އިއުލާން ކުރެވޭނެ އީސީން ބުނެއެވެ.