ޗައިނާގައި ދާދި ފަހުން ފެން ބޮޑުވި ހައިނާން ޕްރޮވިންސްގެ ވެރިރަށް ޖޮންޖޯގައި ކޮވިޑް19 ބާރަށް ފެތުރެމުން ދިއުމާއެކު އެ ސިޓީގެ ބައެއް ހިސާބުތައް ބަންދުކޮށްފިއެވެ. ބުރާސްފަތި ދުވަހާ ހަމައަށް 112 މީހަކު ފައްސިފވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
ޖޮންޖޯގައި ކޮވިޑް19 ފެތުރެން ފަށާފައިވަނީ ބޭރުން އައި މީހެއްގެ ސަބަބުން ކަމަށް ބުނެއެވެ. އަދި ފުރަތަމަ ކޭސް ރިޕޯޓްކޮށްފައި ވަނީ ސިޓީގެ ހަސްފަތާލަކުންނެވެ.
ޖޮންޖޯގައި ބަންދުކޮށްފައިވާ ސަރަހައްދުތަކުގައި މީހުން ގެއިން ބޭރަށް ނިކު އުޅުން ވަނީ މަނާކޮށްފައެވެ. އަދި މެދުމިނުގެ ހިރާސް އޮތް ސަރަހައްދުތަކުގައި ގެއަކުން ބާޒާރު ކުރުމަށް ނިކުމެވެނީ އެންމެ މީހަކަށެވެ. ސަރުކާރުން ރައްޔިތުންނަށް އަންގާފައި ވަނީ ބޭރުގައި އުޅޭ އިރު ދޭތެރޭން ހުން ހުރިތޯ ބަލައި ހަދާނެ ކަމަށް ސަމާލުވާން ޖެހޭނެ ކަމަށާއި އެކަމަށް އެއްބާރުލުން ދޭންވާނެ ކަމަށެވެ.
ޖުލައި މަހު ޖޮންޖޯއަށް ދިމާވި ފެން ބޮޑުވުމުގައި ބޮޑެތި ގެއްލުންތަކެއް ލިބި 290 އަށް ވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.
ޗައިނާގައި އެންމެ ފުރަތަމައަށް ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ފެނިގެން ދިޔަ ގޮތަށް މިހާރު އަލުން އައު ކޭސްތައް ވަނީ ފެންނަން ފަށާފައެވެ. އިރުމަތީ ސަރަހައްދުގެ ނާންޖިންގ ސިޓީގެ އެއަރޕޯޓުން ފެނުނު ކްލަސްޓާއަށްފަހު 17 ޕްރިވިންސެއްގައި ވައިރަސް ފެތުރެން ފަށާފައި ވެއެވެ.
ކޮރޯނާ އުފެދިގެން އައި ވޫހާނުގައި ވެސް އައު ބުރަކަށް ޑޭލްޓާ ވޭރިއެންޓުން ބަލި ފެތުރެން ފެށުމާއެކު އާބާދީގެ އެންމެން ކަހަލަ ގޮތަކަށް ޓެސްޓް ކުރަން ފަށާފައި ވެއެވެ.