އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމުގެ ދާއިރާއިން މީހުން ބިނާކުރުމަށް "ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގް އެންޑް ރިސަރޗް"އިން ހިންގަމުން އަންނަ ޕްރޮގްރާމުގެ ދަށުން ށ. މިލަންދޫ ބެޗްގެ ދަރިވަރުންގެ ޕްރެކްޓިކަލް އިމްތިހާނު ފަށައިފިއެވެ.

ފެނަކަ އިންޓިޓިއުޓުން ބުނީ މިލަންދޫ ބެޗްގެ ޕްރެކްޓިކަލް އިމްތިހާނު މިއަދު ބާއްވާފައިވާ ކަމަށެވެ. މީގެ އިތުރުން އިއްޔެ ވަނީ އެ ބެޗުގެ ފައިނަލް އިމްތިހާނު ވެސް ބާއްވާފައެވެ.

މި ޕްރޮގްރާމް ފަށާފައި ވަނީ 10 ރަށަކުން 50 ދަރިވަރުންނާއެކުއެވެ.

ފެނަކައިން 153 ރަށަކަށް ކަރަންޓު ހިދުމަތް ފޯރުކޮށްދެމުން އަންނައިރު، ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ގާބިލު މަސައްކަތްތެރިން ހޯދުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށްއެ ކުންފުނިން ބުނެއެވެ.

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރަން ޖެހިފައި އޮންނަނީ އެކަމުގެ ފަންނީ އިލްމާއި ތަޖުރިބާ ހުރި މުވައްޒަފުންގެ މަސައްކަތު ތާވަލަށް ބިނާކޮށް ކަމަށް ވާއިރު، މިކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ލަސްތަކާއި ކުރިމަތިވެ، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއިއެކު ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކަ އިންސްޓިޓިއުޓްގެ ފަރާތުން އަލަށް ފަށާ މި ޕްރޮގްރާމަކީ މިކަމަށް އެދެވޭ ހައްލެއް ހޯދުމުގެ ގޮތުން، ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ ދުރު ވިސްނުންފުޅާއި އިސްނެންގެވުމާއިއެކު، ދާއިރާއަށް މީހުން ބިނާކުރެވި ފަންނީ ގާބިލު މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ފެށި މަސައްކަތެއް ކަމަށް ފެނަކައިން ބުނެއެވެ.

ފުނަރު ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަރަންޓު ހިދުމަތް ދިނުމުގެ ދާއިރާ އިތުރަށް ތަރައްގީކުރުން ކަމަށް ފެނަކައިން ބުނެއެވެ. އަދި މިދާއިރާގައި ފަންނީ ގާބިލުކަން ހުރި މަސައްކަތަށް ކަމޭހިތާ އިހުލާސްތެރި މީހުން ބިނާކުރުން ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ އިންސްޓިޓިއުޓްގެ މި ޕްރޮގްރާމުގައި މެކޭނިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފެނަކައިން ބުނެއެވެ. އަދި މި ފުރުސަތު ހުޅުވާލާފައިވަނީ 16 އަހަރުން މަތީގެ މީހުނަށް ކަމަށާއި، މިއީ އާންމުންނަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް ފެނަކައިން ބުނެއެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކޮށް، މިދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރުދިނުމުގެ އިތުރުން މެކޭނިކަލް ދާއިރާއިން ޓެކްނީޝަނުން އުފައްދާ އަދި މިދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ވަނީ އެ ކުންފުނީގެ އުއްމީދަކީ މިފަދަ ޕްރޮގުރާމްތަކުގެ އަލީގައި މުޖުތަމައުއަށް ފައިދާހުރި ހުނަރުވެވި ގާބިލު ފަރާތްތަކެއް ތަމްރީނުވެގެން ދިއުން ކަމަށް ބުނެފައެވެ.