އަފްޣާނިސްތާނަކީ ގުދުރަތީ މާއްދާތަކުން މުއްސަނދި ބިމެކެވެ. މީގެ ދިހަ އަހަރު ކުރިން އެމެރިކާގައި ހަދާފައިވާ ދިރާސާއެއްގައި ބުނާ ގޮތުން އަފްޣާނިސްތާންގެ ގުދުރަތީ މައުދަންތަކާއި މާއްދާތަކުގެ މުއްސަނދިކަން އެއް ހާސް ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.
އަފްޣާނިސްތާންގައި ކޮނެގެން ބައެއް ތަންތަނުން މައުދަންތައް ނެގެއެވެ. އަދި އެހެން ބައެއް ސަރަހައްދުތަކުން ވަގަށް މައުދަންތައް ނަގައިގެން ވިއްކައެވެ.
އަފްޣާނިސްތާންގައި އެންމެ ގިނައިން ނެގޭ މައުދަނަކީ، ރަނާއި ރިއްސާއި، ޕްލުޓޫނިއަމްއާއި ޔުރޭނިއަމްއާއި ޓެންޓެލަމްއާއި ބަކްސައިޓްއާއި ގުދުރަތީ ގޭހާއި ލޮނާއި ލޮޔާއި ކްރޮމިއަމްއާއި ދަނގަޑާއި ކައްސަދުވާންޏާއި ކޯލާ ދެއްޔާއި ޒިންކެވެ. މިއިން ބައެއް މައުދަންތަކަކީ ދުނިޔޭގެ އެހެން ތަންތާނގައި ލިބެން ނެތް ނާދިރު މައުދަންތަކެވެ.
އަފްޣާނިސްތާންގެ ރޯ މާއްދާތަކަކީ ބޭރުގެ ފަރާތަކަށް ބަރޯސާ ވުމަކާއި ނުލައި އެގައުމުގެ ބަނގުރޫޓުވެފައިވާ އިގުތިސާދު ކޮއްޅަށް ޖެހުމަށް ބޭނުންވާ ގުދުރަތީ މުއްސަނދިކަމެވެ.
އަފްޣާނިސްތާންގެ ޕެޓްރޯލިއަމް މިނިސްޓްރީން ބުނާ ގޮތުން ގައުމުގެ 1400 ހިސާބަކުން ތަފާތު ބާވަތްބާވަތުގެ ގުދުރަތީ މާއްދާތައް ނެގޭނެކަން ކަށަވަރުވެފައިވެއެވެ.
އަފްޣާނިސްތާންގައި ގުދުރަތީ ގޭހުގެ 500 ބިލިއަނެއްހައި ކިއުބިކް މީޓަރު ހުރިކަމަށް ދައްކައެވެ. މިއީ ބަލަޚް ޕްރޮވިންސުން ލިބެން ހުރި މާއްދާއެކެވެ. ނާސާއިން ހަދާފައިވާ ސާރވޭއެއްގައި އަފްޣާނިސްތާނުން އެތައް ތަނަކުން ތެލާއި ގޭސް ނެގޭނެކަމަށް ދައްކައެވެ. ތެޔޮ ނެގޭނެ ކަމަށް ބެލެވެނީ، ހެލްމަންދާއި، ހީރާތާއި ޕަކްތީކާއިންނެވެ.
ބްރިޓިޝް ޕެޓްރޯލިއަމްއިން ހަދާފައިވާ ސާރވޭގައި ދައްކަނީ، އަފްޣާނިސްތާނުން ދުވާލަކަށް 300 ފީނާ ނެގިދާނެ ކަމަށެވެ. އެއިރުން އަހަރަކަށް ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރުގެ އާމްދަނީއެއް އެއިން ވަންނާނެއެވެ.
އަފްޣާނިސްތާނަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ޑި އަފްޣާނިސްތާން ބޭންކުން ލަފާ ކުރެއެވެ. 2012ގައި އަފްޣާނިސްތާނުން 150 ހާސް ފީފާ ތެޔޮ ނަގާފައި ވެއެވެ. 2013ގައި މިއަދަދު 300 ހާހަށް އިތުރު ކުރުމަށްވެސް ރޭވިއެވެ.
އަފްޣާނިސްތާންގެ ކޯލާ ދެލީގެ މައުދަނުގެ 400 މިލިއަން ޓަން ހުރިކަމަށް ދައްކައެވެ.
އަފްޣާނިސްތާންގެ ތިން ސަރަހައްދެއްގައި ކައްސަދުވާނި މައިންތައް ހުރިކަމަށް ވެއެވެ. އަދި އަފްޣާނިސްތާންގެ ސަހަރާގައި ޔުރޭނިއަމް ރަނގަޅު އަދަދަކަށް ހުރިކަމަށް ވެއެވެ. ރޫބީއާއި އެމެރަލްޑް ފަދަ ޖަވާހިރުވެސް އެތައް މައިންއަކުން ނެގޭކަމަށްވެއެވެ.
ތާލިބާނުން ކުރިންވެސް ވަގަށް އެތައް މައިނަކުން އަގުހުރި މައުދަންތައް ނަގާފައި ވެއެވެ. ޚާއްސަ ގޮތެއްގައި ބަދަޚްޝާންގެ މައިންތަކުން މިގްރޫޕުން ފުޅާ ގޮތަކަށް ވައްކަން ކުރެއެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުމުގައި ހެލްމަންދާއި ބަޣްލާނާއި ހީރާތާއި ބަގްދީސްގެ މައިންތައް ވަނީ ތާލިބާންގެ އަތްދަށަށް ގޮސްފައެވެ. ނަމަވެސް ޕަންޖުޝޭރު މައިންތަކާއި ބަމިޔާން މައިންތައް ވަނީ ސަރުކާރުގެ އަތްދަށުގައެވެ.