ކަޝްމީރުގެ ޚާއްސަ ހާލަތަށް ބަދަލުގެނަސް އިންޑިއާގެ އިއްތިހާދުގެ ސަރަހައްދެއްކަމަށް ހެދުމަށް ނިންމައި ގާނޫނުއަސާސީގެ މާއްދާ 370އަށް ބަދަލު ގެނައުމުގެ މުނާސަބާ ކަޝްމީރުގައި ފާހަގަ ވެގެން ދިޔައީ ހިމޭން ކަމާއެކުގައެވެ. ސިފައިންނާއި ފުލުހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

ކަޝްމީރުގެ ބާޒާރުތަކާއި މީހުންގެ ހަރަކާތަކާއި ދަތުރުފަތުރަށް އެއްވެސް ބަދަލެއް ނައައިސް އެހެން ދުވަސްތަކެކޭ އެއްފަދައިން ކުރިއަށް ގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.

މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެކި ތަންނަނާއި މުހިންމު މައިދާންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. އަދި ދުވަހުގެ މުނާސަބާގައި ދެ ކުލަބެއްގެ މެދުގައި އަންހެނުންގެ ފުޓްބޯޅަ މުބާރާތެއްވެސް އިންތިޒާމްކޮށްފައި އޮތެވެ.

އިންޑިއާގެ ގާނޫނުއަސާސީގެ މާއްދާ 370 އުވާލުމަށް އިންޑިއާގެ ޕާލަމެންޓުން ފާސްކުރީ 5އޮގަސްޓް 2019ގައެވެ.