އިނގިރޭސިވިލާތުގައި ސިޔާސީ ޙިމާޔަތުގައި ދިރިއުޅޭ ޕާކިސްތާންގެ ދަރިކޮޅުގެ މީހުންނަށް ޕާކިސްތާން ސިފައިންގެ ފަރާތުން ފުރާނައަށް ނުރައްކާވާފަދަ އިންޒާރުތައް ލިބެމުންދާ ކަމަށް ގާރޑިއަން ނޫހުން ބުނެފިއެވެ. ޕާކިސްތާންގެ ސިފައިންގެ ޖާސޫސީ އިދާރާ އައިއެސްއައި އިން ލިބެމުންދާ ނުރައްކާތަކުގެ ވާހަކައަކީ ހަގީގަތެއްކަމަށް ލަންޑަން މެޓްރޯޕޮލިޓަން ފުލުހުންވެސް ޔަގީން ކޮށްދެއެވެ. އަދި މި އިންޒާރު ލިބިފައިވާ މީސްމީހުންވެސް ވަނީ ގަރޑިއަންއަށް މިވާހަކަތައް ކިޔައދީފައެވެ.

ޕާކިސްތާންގެ ކަންތައްތަކާ ބެހޭ ގޮތުން ލަންޑަންގައި ހުންނަވައިގެން ތަހުލީލުތައް ދެއްވާ އާއިޝާ ސިއްދީގީ ވިދާޅުވިގޮތުގައި އޭނާގެ ފުރާނައަށް ނުރައްކާތަކެއް އޮތްކަމުގެ މަޢުލޫމާތު އިތުބާރު ހުރިގޮތަކަށް ލިބިގެން އެކަން މެޓްރޯޕޮލިޓަން ފުލުހުން އޭނާއާ ޙިއްސާ ކޮށްފައިވެއެވެ. އަދި އެއްވެސް މީހަކު އޭނާ ޕާކިސްތާނަށް ގެންދިއުމަށް މަޖުބޫރުކޮށް އޭނާގެ ފިރިމީހާއަށް ފައިސާ ދިނުމަށް ވާހަކަ ދައްކާފައިވޭތޯވެސް ފުލުހުން ބަލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ލަންޑަންގައި ދިރިއުޅޭ ޕާކިސްތާން މީހުންނަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭ އިރު ސްކޮޓްލެންޑް ޔާޑާއި ޔޫރަޕްގެ ޖާސޫސީ އިދާރާތަކުން ވަނީ ޕާކިސްތާން ދަރިކޮޅުގެ މީހުން މަރާލުމަށް ރާވާފައިވާ ހަމަލަތަކެއްވެސް ބޭޒާރުކޮށްލާފައެވެ. އެމްސްޓަޑަމްގައި ހިންގަން އުޅުނު މި ޖަރީމާ ބޭޒާރުކޮށްލައި މިކަމުގައި ބައިވެރިވާ މީހާގެ ޝަރީއަތް މިހާރު ދަނީ ލަންޑަންގައި ކުރެވެމުންނެވެ.

ޕާކިސްތާންގެ ބަލޯޗިސްތާން މިނިވަން ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާއެކުގައި އުޅުނު އާއިޝާ ބަލޯޗްވެސް ވަނީ ވީނުވީއެއް ނޭނގި ކެނެޑާގެ ޓޮރޮންޓޯގައި މަރާލާފައެވެ.

ޓޮރޮންޓޯގައި މަރާލާފައި

ޕާކިސްތާނަށް ޔޫކޭއިން ކުރިން ކަނޑައަޅައިފައިވާ ހައިކޮމިޝަނަރ ލިޔަން ގްރާންޓް ވިދާޅުވާ ގޮތުގައި މިއީ ޕާކިސްތާން ސިފައިންނާ ދެކޮޅަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެކެވެ. އަދި އިނގިރޭސި ސަރުކާރުން މި މައްސަލަތައް ބަލަންވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސިފައިންގެ މަދަދާއެކު ވެރިކަމަށް ވަޑައިގަތް ފަހުން އިމްރާން ޚާންގެ ސަރުކާރުގައި ޕާކިސްތާންގެ ނޫސްވެރިންނަށް ނުރައްކާ ބޮޑުވެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ދަށަށް ގޮސްފައިވާ ކަމުގައި ބައިނަލްއަގްވާމީ އިދާރާތަކުން ބުނެއެވެ.

ޕާކިސްތާންގައި ސިފައިންނަށް ފާޑު ކިޔާ ނޫސްވެރިން ގެއްލުމާއި އެމީހުންގެ ގެއަށް ވަދެ ހަމަލަ ދިނުމަށް މަސައްކަތް ކުރުމުގެ އެތައް މައްސަލައެއްވެސް ރިޕޯޓް ކޮށްފައި ވެއެވެ.