ތާލިބާނުން ހިފާ ސަރަހައްދުތަކުގައި އަންހެނުންނަށް ނުރައްކާ ބޮޑުވާން ފަށައިފިއެވެ. ތާލިބާނުން އަންހެނުންނާ މެދު އަމަލު ކުރަމުންދަނީ ޣަނީމާ މުދަލެއްގެ ގޮތުގައެވެ. އަދި އެމީހުންނާ ދެކޮޅުވެރިންނާއި ސަރުކާރު މަސްއޫލުވެރިންނާ މެދު އަމަލު ކުރަނީ އިސްލާމީ ދައުލަތަކާ ދެކޮޅަށް ނިކުމެ ތިބި ބައެއްގެ ގޮތުގައެވެ. އަންހެނުންނާ މެދު ޣަނީމާ މުދަލެއްގެ ގޮތުގައި އަމަލު ކުރާއިރު ފިރިހެނުން މަރާލަނީ ހައްދުލްޙިރާބާ ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ތާލިބާނުން ގެ ހަމަލައިން މުދާތައް ރައްކާ ނުކުރިނަމަވެސް އާއިލާތަކުން ދަނީ އެމީހުންގެ އަންހެން ދަރިން ސަލާމަތް ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. މީހުން ދަނީ ސަލާމަތަށްޓަކައި އެމީހުންގެ އަނިބިންނާއި އަންހެން ދަރިން ކާބުލްފަދަ ރައްކާތެރި ހިސާބުތަކަށް ފޮނުވަމުންނެވެ.
ތާލިބާންގެ ކޮންޓްރޯލުގެ ދަށުގައިވާ ސަރަހައްދުތަކުގައި ކަންކަން ކުރަނީ އެއްގޮތަކަށެއް ނޫނެވެ. ކޮންމެ ހިސާބެއްގައިވެސް އަމަލު ކުރަމުން ދަނީ އެހިސާބެއް ކޮންޓްރޯލުކުރާ މުއްލާއެއްގެ އަމިއްލަ ވިސްނުމާ އެއްގޮތަށެވެ.
ދަ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތާލިބާނުން ގެންދަނީ އެމީހުން ހިފާ ސަރަހައްދުތަކުގެ އަންހެނުނާ ތާލިބާންގެ ހަނގުރާމަވެރިންނާ ކައިވެނި ކޮށްދެމުންނެވެ.
މިފަދަ ކައިވެނިތައް ބަމިޔާންއާއި ބަދަޚްޝާންއާއި ތައްޚާރުގައި ކޮށްދެމުން ގެންދާ ކަމުގެ ރިޕޯޓްތައް ލިބެއެވެ.
ތާލިބާނުން ހިފާ ސަރަހައްދުތަކުގައި އަންހެން ކުދިން ގަޔަށް ބާރު ހެދުން ލުމަކީވެސް މަނާ ކަމެކެވެ. މީގެ އިތުރުން އަންހެން ކުދިންގެ ސްކޫލުތައްވެސް ބަންދުކުރުމަށް އެންގުމަކީ ތާލިބާނުން ހިފާ ސަރަހައްދުތަކުގައި އެމީހުން އަޅާ އެންމެ ފުރަތަމަ ފިޔަވަޅެވެ. ދަ މެއިލް އިން ބުނެފައިވަ ގޮތުގައި ހަންދުފަހަނައަޅާފއިވާ ޖަމާއަތުގެ މުއްލާއިންގެ ނިންމުމާ ދެކޮޅު ހަދާ ފަރާތްތަކުގެ ގައިގައި ތަޅައިވެސް ހަދައެވެ.
ބަމިޔާންގެ ގަވަރުނަރު މުހައްމަދު ތާހިރު ޒުހައިރު ވިދާޅުވިގޮތުގައި މަސްއޫލުވެރިންގެ އަނބިންނާއި ދަރިން ތާލިބާން ހަނގުރާމަވެރިންނާ ދެވައި ހަދަނީ ބަދަލު ހިފުމުގެ ގޮތުންނެވެ. އަފްޣާނިސްތާންގައި ހުންނަވާ އިނގިރޭސި ސިފައިންގެ އިސް ޖެނެރަލް ނިކް ކާރޓަރ ވިދާޅުވީ، މީހުންނަށް ނުރައްކާ ކޮށް މަދަނީން ބޭނުން ކުރާ އިމާރާތްތައް ތަޅާލައި ހެދުމާއެކު އަފްޣާނިސްތާނުން ފެނިގެން ދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާ ތަނެވެ.