އިންޑިއާއިން ލަންޑަނަށް ކުރާ މަތިންދާބޯޓުގެ ދަތުރުތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީއާއި ޔޫއޭއީއަށް ދާ މީހުންގެ އަތުން ޕީސީއާރް ޓެސްޓް ހެދުމަށް ބޮޑު ނަގާ މައްސަލަ ބަހުސްކުރުމަށް އިންޑިއާގެ ޕާލަމެންޓުން ނިންމައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީން ލަންޑަނަށް ކުރާ ދަތުރުތަކުގައި ބްރިޓިޝް އެއަރވޭޒްއިން ބިޒްނަސް ކިލާހުގައި ތިން ލައްކަ ރުޕީސްއަށް ވުރެން ގިނައިން ނަގައެވެ. އަދި އިކޮނޮމީ ކިލާހުގައި ދެ ލައްކަ ރުޕީސްއަށް ވުރެން ގިނައިން ނަގައެވެ.
އިންދިރާގާނދީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަމިއްލަ ފަރާތަކުން ހަދާ ޕީސީއާރު ޓެސްޓްތަކުގައި ޔޫއޭއީއަށް ދާ މީހުންގެ އަތުން ޕީސީއާރަށް ފަސްހާސް ރުޕީސް ނަގައެވެ. މި މައްސަލާގައި އިންޑިއާގެ އެތައް ފަރާތަކުން ޝަކުވާ ކުރުމަށްފަހު ޕާލަމެންޓްގެ ޓްރާންސްޕޯޓު، ޓޫރިޒަމް އަދި ކަލްޗަރ ކޮމިޓީން ވަނީ ސިވިލްއެވިއޭޝަން މިނިސްޓަރު ހާޒިރު ކުރުމަށް ނިންމާފައެވެ.
އިންޑިއާގެ ޕާލަމެންޓުން ބުނެފައި ވަނީ ބޭރުގެ އެއަރލައިންތަކުން ހަދާފައިވާ އަގުތަކަށް އިންޑިއާއަށް ބަދަލެއް ނުގެނެވޭނެކަމަށެވެ. ނަމަވެސް އިންޑިއާގެ އަމިއްލަ އެއަރލައިންތައް އޮވެމެ، ދަރިވަރުން އެނބުރި ކިޔަވަން ދާން ޖެހޭ މި ދުވަސްވަރުގައި ބޮޑު އަގުގައި ޓިކެޓްތައް ވިއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޔޫއޭއީއަށް ދާ މީހުންގެ އަތުން ގިނަ އަދަދަކަށް ޕީސީއާރަށް ފައިސާ ނަގާ މައްސަލަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަހުސް ކުރާނެ ކަމަށް ބުނެފައި ވެއެވެ.