އިންޑިއާއިން ދުނިޔެއަށް ވެކްކްސިން ފޯރުކޮށްދޭނެ ކަމަށާއި އިންޑިއާއަކީ ދުނިޔޭގެ ބޭސްފިހާރަކަމަށް ބުނެހަދަނިކޮށް ކޮވިޑާ ގުޅިގެން އިންޑިއާގެ ވެކްސިން އުފެއްދުން އިނދެޖެހުނެވެ. އެއާއެކު ޗައިނާއިން ވަނީ އިންޑިއާ ޖަހާލައި ހިލޭ ބައެއް ގައުމުތަކަށް ވެކްސިން ދީ އަނެއް ބައި ގައުމުތަކަށް ވެކްސިން ވިއްކާފައެވެ.

ޗައިނާ ވެކްސިން ޖެހުމުންވެސް ހާލު ބޮޑުވާތީއާއި އަދި ބައެއް ހާލަތްތަކުގައި މީހުން މަރުވެފައިވާ މައްސަލައާއި ޗައިނާ ވެކްސިން ޖެހި ބައެއް ގައުމުތަކުގައި ތިންވަނަ ޑޯޒެއް ޖެހުމަށްވެސް ނިންމާ ފައި ވުމުން އިންޑިއާގެ ވެކްސިނަށް ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.

އަނެއްކޮޅުން ޗައިނާއިން ދަނީ، ޗައިނާގެ ސައިނޯވެކް ވެކްސިންގެ ބާރުގަދަކޮށް، އޭގެ ގާބިލްކަން އިތުރު ކުރަމުންނެވެ. ހަމައެއާއެކު ޗައިނާއިން ދަނީ ވެކްސިން ފޯރުވައި ދިނުމުގެ ސަޕްލައި ޗެއިންގެ ގާބިލްކަން އިތުރުކޮށް މިރޮނގުން އިތުރަށް ކުޅަދާނަކަން ހޯދަމުންނެވެ.

މުހައްލިލުން ބުނާ ގޮތުން ޗައިނާގެ ވެކްސިންއާ ދެކޮޅަށް އިންޑިއާ ވެކްސިންއަށް ކާމިޔާބީ ހޯދެން އެބައޮތެވެ. އެއީ އަގުގެ ރޮނގުންނެވެ. ޗައިނާ ވެކްސިން އުޅެނީ ޑޯޒެއް 40 ޑޮލަރުގައެވެ. އިންޑިއާ ވެކްސިންގެ ޑޯޒެއް އުޅެލެނީ ދިހަ ޑޮލަރުގައެވެ.

އިންޑިއާގެ އެތައް ކާރުޚާނާއަކުން ރަޝިޔާގެ ސްޕުޓްނިކް ވެކްސިންއާއި ފައިޒައާއި ޖޯންސަން އެންޑް ޖޯންސަންއާއި މޮޑާނާ ވެކްސިން އުފައްދަން ފެށުމުން، ކުއޯޑްގެ ތެރޭން ވެކްސިން ފެތުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ބެލެވެއެވެ.

ކުއޯޑަކީ، އެމެރިކާއާއި އިންޑިއާއާއި އޮސްޓްރޭލިއާއާއި ޖަޕާން ބައިވެރިވާ ހަތަރު ގައުމުގެ ނުރަސްމީ ޖަމާއަތެވެ. މިހަތަރު ގައުމުން ބާއްވާފައިވާ ސަމިޓްގައި އެއްބަސްވެފައި ވަނީ އިންޑިއާއާއި އެމެރިކާއިން ވެކްސިން އުފެއްދުމުން އޮސްޓްރޭލިއާއާއި ޖަޕާނުން ގުޅިގެން ދުނިޔޭގެ ގައުމުތަކަށް ވެކްސިން ބެހުމަށް މަސައްކަތް ކުރާށެވެ. ނަމަވެސް މިއަދާހަމައަށްވެސް މި ވާހަކައަށް އަމަލީ ސިފައެއް ޖެހިފައެއް ނުވެއެވެ.