އދގެ ސަލާމަތީ މަޖިލީހުގެ ރިއާސަތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަނީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ވިޔަފާރި ދަތުރުތަކަށް ކަނޑުތައް ހުޅުވާފައި ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ކަނޑުދަތުރުފަތުރަށް އެއްވެސް ހުރަހެއް އެޅެނީނަމަ، އެކަމަކުން މުޅި ދުނިޔޭގ އިގްތިސާދަށް އަސަރުތަކެއް ކުރާނެއެވެ.

އޭނާ ވިދާޅުވީ އެވޭލާ ޒަމާނުއްސުރެން ކަނޑުދަތުރުފަތުރު ކުރުމަކީ އިންޑިއާގެ ސަގާފަތުގެ ބައެކެވެ.

މޮދީ ވިދާޅުވީ ކަނޑުދަތުރުފަތުރައް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ކަނޑުފޭރުމާއި ނިރުބަވެރިކަމާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކެވިއެވެ. މި ވާހަކައިގައި ކަނޑުގެ ވެށި ސާފުކޮށް ބޭއްބުމާ ބެހޭ ގޮތުންވެސް އޭނާ ވާހަކަ ދެއްކެވިއެވެ.

ސަލާމަތީ މަޖިލީހުގެ މި ބައްދަލުވުމުގައި މެމްބަރު ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ. ރަޝިޔާގެ ރައީސް ޕުޓިންވެސް އިންނެވިއެވެ.

މޮދީ ވިދާޅުވީ، ދައުލަތެއް ތަމްސީލު ނުކުރާ ފަރާތްތަކުންވެސް ކަނޑުގެ ދަތުރުފަތުރަށް ނުރައްކާތައް ކުރިމަތި ކުރަމުންދެއެވެ. އެގޮތުން ކަނޑުގެ ސަލާމަތަށް ފަސް ކަމެއް އޭނާ ހުށަހެޅުއްވިއެވެ.

އޭގެ ތެރޭގައި 1. ހުއްދަ ވިޔަފާރިތަކަށް ކަނޑުދަތުރުފަތުރުގައި ހުރަސްތައް ގާއިމް ނުކުރުމަށާއި، 2. ކަނޑުގެ ސަރަހައްދާއި ގުޅޭ ގޮތުން އުފެދޭ ދެބަސްވުންތައް ސުލްހަވެރިކަމާއެކު ބައިނަލްއަގްވާމީ ގާނޫނުގެ ތަރަހައިގެ ތެރޭން ޙައްލުކުރުމަށާއި، 3. ޒިންމާދާރުކަމާއެކު ކަނޑުދަތުރުފަތުރުން ގުޅުވާލުމަށް ހިތްވަރު ދިނުމަށާއި 4.ކާރިސާތަކާއި، ދައުލަތެއް ތަމްސީލު ނުކުރާ ފަރާތްތަކުން ކަނޑު ދަތުރުފަތުރުގައި ކުރިމަތި ކުރާ ނުރައްކަލާ ކުރިމަތި ލުމަށާއި 5. ކަނޑުގެ ދިރުމާއި ވަސީލަތްތަކާއި، ކަނޑުގެ މާހައުލު ތަޣައްޔަރު ވިޔަ ނުދިނުމަށް މަސައްކަތް ކުރުން ހިމެނެއެވެ.