ރާއްޖޭގެ ކަންކޮޅުތަކުގައި ސިޔާސީ ކަންކަމުގައި ދެބަސްވުން ގިނަވެއްޖެއެވެ. ނުރުހުންވެ އެއްބަޔަކު އަނެއްބަޔަކާ ވާހަކަދެއްކުން ހުއްޓާލާ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ. އަދި އާއިލާތަކުގެ ތެރޭގައި ހިތްހަމަ ނުޖެހި އެކަކު އަނެކަކު ގެއަށް ވަދެ އުޅުންވެސް ހުއްޓާލަމުން އެބަ ގެންދެއެވެ. ފަހަކަށް އައިސް މިފަދަ ހާލަތެއްގައިވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި މީހުން އުޅެމުން ގެންދެއެވެ.

މިހާލަތުގައި ރަށެއްގެ އާއިލާއެއްގެ މެންބަރުން ވަނިކޮށް ޢީދު ޗުއްޓީގައި އެރަށަށް ޒިޔާރަތްކުރީ ރަށުގެ ވަރަށްގިނަ މީހުންނާ ރައްޓެހި، އަދި ތިމާގެ މީހުންވެސް ގިނަ ހައްވަ ދައިތައެވެ.

ހައްވަ ދައިތަ ރަށަށް ދިޔައިރު ތިމާގެ މީހުންގެ އާއިލާތައް މިވަނީ އާއިލީ ގުޅުމުގެ ވާފަށް ވަރަށް ބޮޑަށް ފީވެފައެވެ. އެހެންނަމަވެސް އޭނާ ތިމާގެ ހުރިހާ ގެއަކަށް ވަދެ ކައި ބޮއި، އެންމެންގެ ހާލުބަލާ ހަދައެވެ.

ހައްވަ ދައިތަ މި ދިޔަ ރަށުގެ ބައެއް ގެތައް އިމާރާތް ކޮށްފައި ހުންނަނީ ގެއާއި ބަދިގެ ވަކިންނެވެ. އެހެންކަމުން ފައިވާން ބަހައްޓާފައި ގެއަށް ވަދެ ގޭތެރެއިން ވަދެގެން ބަދިގެއަށްދާން އަނެއްކާވެސް ފައިވާނަށް އަރަންޖެހެއެވެ. އެހެންކަމުން ގޭގައި އުޅޭ މީހުންގެ ފައިވާންތައް ދެފަރާތުގައި ހުރެއެވެ. ސިޓިންރޫމަށް ވަންނަ ދޮރުކައިރީގަޔާއި ގޭތެރެއިން ބަދިގެއަށް ދާން ހުންނަ ދޮރުކައިރީގައެވެ.

ހައްވަ ދައިތަ ގޭގެ ސިޓިން ރޫމަށް ވަދެ މީހުނާ ވާހަކަ ދައްކާލުމުން ކޮންމެ ގެއަކުންވެސް އެއްޗެއް ކާން ގޮވާލައެވެ. ދެން އެއްޗެއް ކާލުމަށް އަނެއް ދޮރުން ނުކުމެގެން ބަދިގެއަށް މި ދަނީ ކޮންމެވެސް އެހެންމީހެއްގެ ފައިވާނުގައެވެ. ހައްވަދައިތަ ބަދިގެއިން ނުކުމެގެން އެންމެ ކައިރީގައި ހުންނަ އާއިލާގެ މެންބަރުގެއަށް މި ދަނީ އެންމެ ފަހުން އެރި ފައިވާނުގައެވެ.

މިގޮތަށް ކޮންމެ ދުވަހަކު ވެސް ހައެއްކަ ގެއަށް ހައްވަ ދައިތަ ވަދެއެވެ. ކޮންމެ ގެއަކުންވެސް ނުކުންނަނީ ކުރިން އަރައިގެން ހުރި ފައިވާން ބަދަލުކޮށް އެހެން ފައިވާނަކަށް އަރައިގެންނެވެ. މިގޮތަށް ގޮސް އެދުވަހަކު ވަންނަން ކަނޑަ އަޅައިފައި ހުރި ހުރިހާ ގެއަކަށް ވަދެ ނިންމުމަށްފަހުން އެންމެ ފަހުން ވަން ގެއިން އެރި ފައިވާނުގައި އެންމެ ފުރަތަމަ ވަން ގެއަށް އާދެއެވެ. ދެން އެ ގޭގައި ހައްވަ ދައިތަ އެންމެ ފަހުން އެރި ފައިވާން ބަހައްޓާފައި އަމިއްލަ ފައިވާނަށް އަރައިގެން ހައްވަ ދައިތަ ދިރިއުޅޭ ގެއަށް ދެއެވެ.

އެއަށް ފަހު ހައްވަ ދައިތަގެ އާއިލީ ގެތަކުގެ މީހުން ބޭރަށް ނޫނީ ބަދިގެއަށް ދާން ފައިވާންތައް ގެއްލިގެން ހޯދަން ފަށައެވެ. ބައެއް މީހުނަށް އެގޭގައި ހުރީ ކާކުގެ ފައިވާނެއްކަން އެނގުމުން އެ ފައިވާން ހިފައިގެން އަމިއްލަ ފައިވާން ހޯދަން އެ ގެއަކަށް ދެއެވެ. މިގޮތަށް ފައިވާން ބަދަލުކުރާށާއި ފައިވާން ހޯދަން އާއިލާގެ މެންބަރުން ކޮންމެ ދުވަހަކުވެސް އާއިލާގެ ގޭގެއަށް ގޮސް އުޅެން ޖެހުމުން ކުރިން ހީނަރުވެފައިވާ ގުޅުން ބަދަހިވާން ފެށިއެވެ. ވާހަކަ ދައްކާ އެކަކު އަނެކަކާ ހީ ސަމާސާ ކުރަންވެސް ފަށައިފިއެވެ. އެންމެ ފަހުންގޮސް އާއިލާގެ އެންމެން އެއްގަލަކަށް އަރައި ހައްވަ ދައިތަ ގޮވައިގެން ދަތުރު ވެސް ދާން ފެށިއްޖެއެވެ. ހީނަރުވެފައި އޮތް އާއިލީ ގުޅުން ހައްވަ ދައިތަގެ ފައިވާން ބަދަލުކުރުމުގެ ސަބަބުން ބަދަހިވެއްޖެއެވެ. ކުރިއެކޭ އެއްގޮތަށް އާއިލާގެ މެންބަރުން އެކަކު އަނެކަށް ޒިޔާރަތްކޮށް ހާލުބަލައި އުޅެންފަށައިފިއެވެ.