އަފްޣާނިސްތާންގައި ތާލިބާންގެ މުއްލާއިން ވެރިކަން ކުރާއިރު އަބަދުވެސް އެންމެ ތަދު އެއްޗަކީ އިންސާނީ ހައްގެވެ. އެމެރިކާއިން 20 އަހަރު ފަހުން އަފްޣާނިސްތާނުން ފައިބައިގެންދާން ނިންމައި ތާލިބާނާއެކު އެއް މޭޒަކަށް އެރިއިރުވެސް އެމެރިކާއަށް މި ހަގީގަތް ސާފުވާނެއެވެ. އެއިރު އެމެރިކާގެ ވެރިއަށް ހުންނެވީ އިންސާނީ ހައްގާއި ޑިމޮކްރެސީއަށް ބީރައްޓެހި ސާދާގަރެކެވެ.

ތާލިބާނުން ހިފަމުންދާ ސަރަހައްދުތަކުގައި ހަރުކަށި އުސޫލުތަކެއް އިސްލާމްދީނުގެ ނަމުގައި ތަންފީޒު ކުރެވެމުން ދެއެވެ. އަންހެނުން ގެއިން ބޭރަށް ނިކުތުން މަނާކޮށްފައި ވެއެވެ. އުނގެނުމާއި ވަޒީފާއަދާ ކުރުމަކީ މަނާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ހެދުން އެޅުމަށް ވަކި ގޮތްތަކެއް ކަނޑައަޅާފައި ވެއެވެ.

މުއްލާއިންނާއި އެމީހުނަށް ތަބާވާ މީހުންގެ އަމުރުބިލްމައުރޫފު ހިނގާ އަންހެނުންނަށް ލިބިފައިވާ މިނިވަންކަމަށްވުރެން ތާލިބާނުން ގެންގުޅޭ ގެރިބަކަރިއަށް ލިބިފައިވާ މިނިވަންކަންވެސް މާތަނަވަހެވެ.

އެމެރިކާއާއި ހުޅަނގުން ބުނަމުން ދަނީ ތާލިބާނުން އިންސާނީ ހައްގަށް އަރައިގަންނަނަމަ އަފްޣާނިސްތާން ވެގެންދާނީ އެކަހެރިވެފައިވާ ގައުމަކަށެވެ. ތާލިބާނުން ވެރިކަން ހިފައިފިނަމަ ދުނިޔޭގެ މާލީ ނިޒާމުން އަފްޣާނިސްތާން އެކަހެރިވާނެ ކަމަށެވެ.

އަފްޣާނިސްތާންގައި ވެރިކަން ކޮށްލުމަށް ތާލިބާންގެ ސަރުކާރަކަށް މިއީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ތާލިބާންގެ ސަރުކާރުގެ މައިގަނޑު އެކްސްޕޯޓަކީ ކުރިންވެސް އަފިހޫނުގެ ގޮވާމެވެ.

މުއްލާއިން ވެރިކަމަށް އައުމަށް އޮންނަނީ އެންމެ މަގެކެވެ. އެއީ ބަޑިއެވެ. ވެރިކަމުގައި ދެމި ތިބުމަށްވެސް އޮންނަނީ އެންމެ މަގެކެވެ. އެއީ އުންޑައެވެ. އަންހެނެއްގެ އައުރައެކޭ އެއްފަދައިން ތާލިބާނަށް އިންސާނީ ހައްގަކީ ލަދުވެތި އެއްޗެކެވެ.

ތާލިބާނުންގެ ޖަރީމާތަކާ ބެހޭ ގޮތުން ހިއުމަން ރައިޓްސް ވޮޗްއިން ދެ ރިޕޯޓެއް މި ފަހުން ޝާއިއުކޮށްފައި ވެއެވެ.

23 ޖުލައިގައި ޝާއިއުކޮށްފައިވާ، "އަފްޣާނިސްތާން: ކަންދަހާރަށް އޮތް ތާލިބާންގެ ނުރައްކާ" މި ރިޕޯޓްގައި ބުނެފައި ވަނީ ކަންދަހާރަށް ވެރިވެގަތުމަށްފަހު ތާލިބާނުން މިހާރާއި ކުރީގެ މަސްއޫލުވެރިންނާއި އެމީހުންގެ އާއިލާތަކުން އެއްތަންކޮށް ވަށާލި ކަމަށެވެ. މި އެންމެންގެ ފުރާނަ ނެތިގެން ތިޔައީ ރަހުމެއް ނެތް ގޮތުގައި، ތާލިބާނުންގެ ބަދަލު ހިފުމުގެ އުންޑަތަކުންނެވެ.

މި ރިޕޯޓް ލިޔުނު ޕެޓްރީސިއާ ގޯސްމަން ބުނިގޮތުގައި އަދާލަތެއް ނެތި އަވަސްގޮތަކަށް މީހުން މެރުމާއި މީހުން ގެއްލުވާލުމާއި ބަންދުގައި މީހާއަށް އަނިޔާކުރުމުގެ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެވެ. ތާލިބާނާއެކު އެއް މޭޒަކަށް އަރާ ގައުމުތަކުގެ މަސްއޫލުވެރިން މި މުއްލާއިންނަށް މިކަންކަން ހާމަކޮށްދޭން ވާނެ ކަމަށެވެ.

އޮގަސްޓް 3 ގައި އެކުލަވާލި ރިޕޯޓްގައި ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައި ވަނީ ސްޕިން ބޯލްޑާކްގައި ތާލިބާނުން ގެންގުޅު ލިސްޓެއް އަތު ޖެހިފައިވާ ކަމަށެވެ. މިއީ ޖުލައި 16 ގައި ތާލިބާނުން މަރާލާފައިވާ 44 ފިރިހެނުންގެ ނަންތައް ހިމެނޭ ލިސްޓެއް ކަމަށެވެ. ތާލިބާނުންގެ އެއްބަޔަކު މަޢާފްދިން ޕޮލިސް ކޮމާންޑަރު ވަޙީދުﷲ ގޭގައި ހުއްޓާ ތާލިބާންގެ އެހެން ގްރޫޕަކުން އައިސް އޮގަސްޓް 2 ގައި އޭނާ މަރާލިކަމަށްވެސް ބުނެފައި ވެއެވެ. ޣަޒްނީ ރައްޔިތުން ބުނިގޮތުގައި ތާލިބާނުން އެ ސިޓީ ހިފުމަށްފަހު ދޮރުން ދޮރަށް ހިނގައި ސަރުކާރުގެ މަސްއޫލުވެރިންނާއި އާއިލާތައް ހޯދި އެވެ.

ތާލިބާނުންގެ އަނިޔާތައް ޑޮކިއުމެންޓްކޮށްފައި ވަނީ މި ޖަމުއިއްޔާއިން އެކަންޏެއް ނޫނެވެ. އަފްޣާން ހިއުމަން ރައިޓްސް ކޮމިޝަންއިންވެސް މި މީހުންގެ ޖަރީމާތައް ޑޮކިއުމެންޓްކޮށްފައި ވެއެވެ. ޔޫކޭ އާއި ޔޫއެސްގެ އެމްބަސީތަކުންވެސް މިމީހުން އެކި ސިޓީތަކުގައި ހިންގާފައިވާ ޖަރީމާތައް ފާހަގަ ކޮށްފައި ވެއެވެ.

އެމެރިކާއާއެކު ދޯޙާގައި ބާއްވާފައިވާ ވާހަކަތަކުގައި ތާލިބާނުން ވަނީ އަނިޔާވެރި މަގެއް އިޚުތިޔާރު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އެކަމަކު އެމީހުންގެ އަމަލުތައް ފެންނަމުން ދަނީ މުޅިންވެސް އެހެން ގޮތަކަށެވެ.

އަފްޣާނިސްތާންގެ ސިވިލް ސާވިސް ކޮމިޝަނުން ބުނާ ގޮތުގައި ތާލިބާނުން ހިފާ ތަންތާނގައި އުމުރާނީ ތަރައްގީއަށް ގެއްލުން ދިނުމާއި ޚިދުމަތް ހުއްޓާލުމާއި މީހުން ނައްތާލުމުގެ ސަބަބުން 13 މިލިއަން މީހުން އަސާސީ ޚިދުމަތުން މަހުރޫމްވެފައިވާ ކަމަށެވެ.

އަފްޣާނިސްތާންގެ އަންހެނުންގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަފްޣާން ވިމެން ނެޓްވަރކްގެ ޑިރެކްޓަރ މޭރީ އަކްރަމީ ވިދާޅުވާ ގޮތުގައި ތާލިބާނުން ތަންތަން ހިފުމަށްފަހު އަންހެނުން ގެއިން ނިކުތުން މަނާ ކުރުމުން އަންހެނުން ސަލާމަތް ކުރުމަށްޓަކައި އެމީހުންނާ ގުޅާލާނެ ނުވަތަ ވާހަކަ ދައްކާނެ ގޮތެއްވެސް ނެތެވެ. ތާލިބާނުން ހިފާ ސަރަހައްދުތަކުގައި އުމުރުން 18އާއި 45 އަހަރާ ދެމެދުގެ ދަރިމައިވާން މުޑުވައް ރަނގަޅު އަންހެނުން ބަލައި ލިސްޓް ކުރަމުން ދެއެވެ. އަކުރަމީ، ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވަނީ އަންހެނުންނަށް އިޙުތިރާމް ކުރުމަށާއި ރަށްވެހިކަމުގެ ހައްގު އަންހެނާއަށްވެސް ދީފައި ބޭއްވުމަށް ތާލިބާނަށް މަޖުބޫރު ކުރުމަށެވެ.

ރޭޑިއޯ ލިބަރޓީއާއި ރޭޑިއޯ ސަލާމް ވަޠަންދާރުއިން ރިޕޯޓް ކުރާ ގޮތުގައި ތާލިބާން ކޮމާންޑަރުން އެމީހުންގެ ސަރަހައްދުގެ އާއިލާތަކަށް ބާރުއަޅަނީ ކޮންމެ އާއިލާއަކުންވެސް އެއް އަންހެނަކު ތާލިބާންގެ ހަނގުރާމަ ވެރިއަކާ ކައިވެންޏަށް ހަދިޔާ ކުރުމަށެވެ.

އަފްޣާނިސްތާން ޓައިމްސްގައި 4 އޮގަސްޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މޫނު ބުރުގާ ނައަޅައި ހުރި އަނެހްން ކުއްޖަކު ތާލިބާނުން މަރާލިއެވެ. ނާޒްނީންގެ އުމުރަކީ 21 އަހަރެވެ.

ވޮއިސް އޮފް އެމެރިކާއާ ވާހަކަ ދައްކަވަމުން ޕާކިސްތާންގެ ކުރީގެ އެމްބެސެޑަރ ޙުސައިން ޙައްޤާނީ ވިދާޅުވަނީ ރަށްފުށުގެ ހިސާބުތަކުގައި އަންހެނުންގެ ދިރިއުޅުމަށް ބަދަލެއް އައިސްފައި ނުވާކަމަށެވެ. ތާލިބާނުން ދަނީ އެމީހުންގެ ހަރުކަށި ފިކުރު އެތަންތާނގައި ފަތުރަމުންނެވެ. އަދި ޚިލާފްވާ މީހުން ނައްތާލަމުންނެވެ. ޙައްޤާނީއަކީ، ހަޑްސަން އިންސްޓިއުޓްގެ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ޑިވިޜަންގެ ޑިރެކްޓަރެވެ.

ހުޅަނގުން ބުނަނީ ތާލިބާންގެ ވެރިކަމެއް ގަބޫލެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން ޗައިނާއާއި ރަޝިޔާއިން ތާލިބާނާއެކު ބާއްވާފައިވާ ބައްދަލުވުންތަކުން ދޭހަވަނީ މި ދެގައުމުންވެސް އެމެރިކާއާ ދެކޮޅަށް ތާލިބާނާ މައްލަވަ ކުރާނެ ކަމަށެވެ. މިއީ ދެކުނު އޭޝިއާއަށް ކުރިމަތިވާން އޮތް ނުރައްކަލެކެވެ.