ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް އަންނަ އަހަރު ބޮޑު ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ރެހެންދި ސުކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި އެންމެ ބޮޑު ބުރައެއް އުފުލަނީ ޓީޗަރުން ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޓީޗަރުން ކޮށްދެއްވީ އަގުނުކުރެވޭ ބޮޑު ޖިހާދެއް ކަމަށާއި ކޮވިޑްގެ ކުރިން ވެސް ޓީޗަރުންނަކީ ބުރަ މަސައްކަތެއް ކުރައްވާ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ފައިސާ ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ޓީޗަރުން ލިބުން ދަތި ރަށްރަށަށް، ރަށުން ބޭރުން ގެންނަ ޓީޗަރުންނަށް ހާއްސަ އިނާޔަތްތައް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.ސަރުކާރުގެ ރިޔާސީ ވައުދެއް ކަމުގައިވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ އަމަލީ މަސައްކަތް ކުރާ ބަޔަކީ ޓީޗަރުން ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. "ހަރުކަށިފިކުރާ މަސްތުވާތަކެތީގެ މައްސަލަތަކަށް އެންމެ މުހިއްމު ހައްލެއް ގެނެސްދެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން. ޓީޗަރުން ކުރައްވާ މަސައްކަތަކީ އަގު ނުކުރެވޭވަރުގެ ބޮޑު ޖިހާދެއް،" ރައީސް ވިދާޅުވި އެވެ.