އަފްޣާނިސްތާންގެ 15 ޕްރޮވިންސަކަށް ހަމަނުޖެހުން ފެތުރި ތާލިބާންގެ ބާރުގެ ދަށަށް އެތަންތަން ދިއުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކާބުލްއަށް ހިޖުރަ ކޮށްފައެވެ. މިހާރު ކާބުލްގެ މަގުތަކާއި ޕާކުތަކުގައި މީހުން ވަނީ ފޭލިގެ ޖަހައިގެން ދިރިއުޅެން ފަށާފައެވެ.

ކުންދޫޒްއިން ބޭރުވެފައިވާ މީހުން ވަނީ ކާބުލްގެ ޕޮލިސް ޑިސްޓްރިކްޓް 15ގައި ޕާކްތަކުގައި ދިރިއުޅެން ފަށާފައެވެ. މިއިން ބައެއް މީހުންނަކީ އެމީހުންގެ އާއިލާގެ ފިރިހެނުންނަށް ވީނުވީއެއް ނޭނގިފައި ވަނިކޮށް، ފިލައިގެން ކުންދޫޒްއން ބޭރުވެފައިވާ މީހުންނެވެ. ކުޑަކުދިންނާއި އަންހެނުން ގޮވައިގެން މިމީހުން ވަނީ ކުންދޫޒްއިން ފިލައިގެން ބޭރުވެފައެވެ.

މިމީސްމީހުންނަށް ކާންދީ ބަލަހައްޓަނީ އާންމު ރައްޔިތުންނެވެ. ސަރުކާރުން އަދި މިމީހުންނަށް އެހީއެއް ލިބިފައެއް ނުވެއެވެ.

އަފްޣާނިސްތާންގެ މިނިސްޓްރީ އޮފް ރެފިއުޖީޒް އެންޑް ރިޕެޓްރިއޭޓްސްއިން ބުނާ ގޮތުން ކުރިން ދުވަހަކުވެސް ނުފެންނަހާ ގިނައިން ވިއްސިވިހާލިވެފައިވާ މީހުން މިހާރު ކާބުލްއިން ފެނެއެވެ. މިދިޔަ ފަސް މަސް ތެރޭ 75ހާސް އާއިލާއެއް ބިކަވެފައިވާ ކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައި ވެއެވެ.

އަދި މީހުން ވިއްސިވިހާލިވެފައި ވަނީ ކަންދަހާރާއި ކުންދޫޒްއާއި ނިމްރޯޒްއިންނެވެ.