އދގެ ސަލާމަތީ މަޖިލީހުގައި އިންޑިއާއިން ވަނީ ކަނޑުދަތުރުފަތުރުގެ ސަލާމަތާ ބެހޭ މައްސަލަ ނަގާފައެވެ. އިންޑިއާ ކަނޑުގައި ދިމާވި 2004ގެ ސުނާމީއާއި އަދި އޭގެ ފަހުން ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ފުށުން ކަނޑުގެ ދަތުރުފަތުރަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންޑިއާ ކަނޑުގައި ގުދުރަތީ ކާރިސާއާއި އިންސާނީ މުސީބާތުން ސަލާމަތް ކުރުމުގެ މުހިންމު ކަން އިޙުސާސް ވެގެން ދިޔައެވެ.

2005 ގައި އދން ވަނީ އިންޑިއާ ކަނޑުގައި ގުދުރަތީ ކާރިސާއިން ސަލާމަތް ވުމަށް އަވަސް އިންޒާރުދޭ ނިޒާމެއް ގާއިމް ކޮށްދީފައެވެ.

ސޯމާލީ ކަނޑު ފޭރޭ މީހުންގެ ފުށުން ދެކުނު އިންޑިއާ ކަނޑު ސަލާމަތް ކޮށްދިނުމަށް އދގެ ސަލާމަތީ މަޖިލީހުން މަސައްކަތް ހަވާލު ކުރި 60 ގައުމުން ދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދު ހުރަސް ކުރާ އުޅަނދުތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކޮންޓެކްޓް ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ.

މިހުރިހައި ކަމެއްވެސް އިންޑިއާގެ ޙިއްސާއެއް އޮތެވެ. އިންޑިއާއަކީ، 7500 ކިލޯމީޓަރުގެ އައްސޭރި ފަށެއް ބަލަހައްޓާ ގައުމެކެވެ. އަދި ގައުމުގެ ދެ ބިތުން ދެ ފަރާތަށް ކަނޑުގެ ސަރަހައްދު ބަލަހައްޓަން ޖެހުމުގެ ސަބަބުން ފުޅާ ސަރަހައްދެއްގައި އިންޑިއާއިން ކޯސްޓްގާޑާއި މަނަވަރުތައް ހަރަކާތްތެރި ކުރަން ޖެހެއެވެ.

އިންޑިއާ ކަނޑަކީ ދުނިޔޭގެ ކަނޑުގައި ކުރާ ވިޔަފާރި ދަތުރުގެ 75 އިންސައްތަ އެ ކަނޑެއްގައި ދަތުރުކުރާ މާ ކަނޑެވެ. މުޅި ދުނިޔެއަށް ދުވާލަކަށް ބޭނުންވާ ތެލުގެ 50 އިންސައްތަ ކޮންމެ ދުވަހަކުވެސް މި ކަނޑުގައި އުޅަނދުތަކުގައި ގެންދެވެއެވެ. އިންޑިއާއިން ވަނީ ތަފާތު ނަންނަމުގައި ކަނޑުގެ ހިމާޔަތާއި ގައުމުތަކުގެ ގުޅުމާ ބެހޭ ގޮތުން އެކި ޝިއާރުތަކުގައި 2015އިން ފެށިގެން މަސައްކަތް ފަށާފައެވެ.

އިންޑިއާއިން ބާރު އަޅަނީ ކަނޑާ ގުޅިގެން އެއްވެސް ދެބަސްވުމެއް އުފެދެނީނަމަ، ސުލްހަ ވެރިކަމާއެކު އެ ދެބަސްވުމެއް ޙައްލު ކުރުމަށާއި، އަދި އދގެ ކަނޑުގެ ގާނޫނާ އެއް ގޮތަށް އެމައްސަލައެއްގައި ފައިސަލާ ކުރެވި، ގައުމުތަކުން އެއަށް އަމަލު ކުރާށެވެ. ޗައިނާއިން ވަނީ ފިލިޕީންސާ އެއްކޮޅަށް، ޗައިނާއާ ދެކޮޅަށް ކޮށްފައިވާ މިފަދަ ޙުކުމެއް ބޮލާލައި ޖަހާފައެވެ.

އިންޑިއާއާ ދެކޮޅަށްވެސް ލޯ އޮފް ދަ ސީގެ ދަށުން ހުކުމެއް ކޮށްފައި ވެއެވެ. އިންޑިއާއާއި ބަންގްލަދޭޝްގެ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ބަނގްލަދޭޝްއާ އެއްކޮޅަށް ޙުކުމް ކުރުމުން އިންޑިއާއިން ވަނީ 2014ގެ ހުކުމް ގަބޫލުކޮށްފައެވެ.