އެމެރިކާގެ މަސްއޫލުވެރިންނާ ބެހޭ ގޮތުން ޗައިނާއިން ވަގަށް ހޯދާފައިވާ ޑޭޓާއިން ކޮންމެ މީހަކާ ބެހޭގޮތުން ބޯ ފައިލެއް ތައްޔާރު ކޮށްލެވޭހައި މަޢުލޫމާތު ޗައިނާގެ އަތުގައި ހުންނާނެ ކަމަށް އެމެރިކާގެ ސެނޓްގެ ޕެނަލްއަކަށް ކިޔައިދީފިއެވެ. މިމަޢުލޫމާތު ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީއާ ޙިއްސާ ކުރެއްވީ ޓްރަމްޕް ސަރުކާރުގައި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ މަގާމުގައި ހުންނެވި މެތިއު ޕޮޓިންގަރ (ފޮޓޯގައި) އެވެ.

އޭނާ ވިދާޅުވިގޮތުގައި މީހުންނާ ބެހޭ ގޮތުން ސިއްރިއްޔާތުގައި މަޢުލޫމާތު އެއްކުރުމަކީ، ކޮމިއުނިސްޓް ރޫސީވިލާތުން ފެށި އުކުޅެކެވެ. ނަމަވެސް ފަހުން ޑިޖިޓަލް ނެޓްވަރކްތަކަށް ފޭދިގެންނާއި 5ޖީ ބޭނުން ކޮށްގެން ޗައިނާ އިން ވަނީ ސިއްރިއްޔާތުގައި މައުލޫމާތު ނެގުމުގެ އައު މަރުޙަލާއަކަށް ކަންކަން ގެންގޮސްފައެވެ. ޗައިނާގެ އަތުގައި ދުނިޔޭގެ ކޮންމެ ގައުމެއްގެ ރައްޔިތަކާ ބެހޭ ގޮތުންވެސް މުހިންމު މަޢުލޫމާތު ހުންނާނެ ކަމުގައި އޭނާ މަޢުލޫމާތު ދެއްވިއެވެ.

ޕޮޓިންގާ ވިދާޅުވީ، އެމެރިކާ މަސްއޫލުވެރިންގެ އިތުރުން ބެއިޖިންގގައި އެމެރިކާގެ ކުޑަ ކުދިންނާ ބެހޭ ސިއްރު މައުލޫމާތުވެސް ހުންނާނެ ކަމަށެވެ.

އެމެރިކާއިން ވަނީ ޑިޖިޓަލް މުވާސަލާތީ ވިއުގައިގައި ޗައިނާގެ ސާމާނުތައް ބޭނުން ނުކުރާން ނިންމާފައެވެ. އަދި ޗައިނާގައި އުފައްދާފައިވާ ޑްރޯންވެސް އެމެރިކާގައި ނުވިއްކުމަށް ނިންމާފައެވެ. މީގެ އިތުރުން އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ސިފައިންގެ ތެރޭގައި ޓިކްޓޮކް ބޭނުން ކުރުންވެސް ވަނީ މަނާކޮށްފައެވެ.