ޒަކާތުގެ ނަމުގައި ފައިސާ ހޯދަމުން ދާކަމަށާއި އެފައިސާ އިންޑިއާ ސަރުކާރާ ދެކޮޅުވެރި އަމަލުތައް ހިންގުމަށް ބޭނުންކުރާ ކަމަށް ބުނަމުން އިންޑިއާގެ ތަހުގީގީ އިދާރާއިން ކަޝްމީރުގައި އެތައް ތަނެއް ފާސްކޮށްފިއެވެ. ނޭޝަނަލް އިންވެސްޓިގޭޓިވް އެޖެންސީން ބުނިގޮތުގައި ޖަމާއަތޭ އިސްލާމީއާ ގުޅުން ހުރި 50 ތަނެއް ފާސްކޮށްފައި ވާނެ އެވެ.

ޑުބާއީއާއި ތުރުކީވިލާތް މެދުވެރިކޮށް ޒަކާތުގެ ނަމުގައި މި ޖަމާއަތުން ފައިސާ ހޯދަމުން ދިޔަކަމަށް ތުހުމަތުކޮށްފައި ވެއެވެ. އިންޑިއާގެ ނިއުސް 18 ޗެނަލުން ބުނިގޮތުގައި މި ފައިސާ ކަޝްމީރަށް ފޮނުވަނީ ޕާކިސްތާންގެ ޖާސޫސީ އިދާރާ އައިއެސްއައި މެދުވެރިކޮށެވެ.

މީގެ މަގްސަދަކީ ޒުވާނުން އިންޑިއާގެ ވެރިކަމާ ދެކޮޅަށް ނިކުތުމަށް ހިތްވަރު ދިނުމަށާއި، އަދި ގާއުކަން މަގުތަކަށް ނިކުތުމަށް ޒުވާނުން ނެރުމަށް ހިތްވަރު ދިނުމަށް މަސައްކަތް ކުރުމެވެ.

ނޭޝަނަލް އިންވެސްޓިގޭޓިވް އެޖެންސީން ބުނެފައިވާ ގޮތުގައި ފަލާހޭ އާންމު ނަމަކަށް ކިޔާ ޖަމުއިއްޔާއިން މިކަމާ ގުޅުން ހުރި ލިޔުންތައް ވަނީ ފެނިފައެވެ. އަދި މިލިޔުންތައް ތަޙުގީގުކޮށް، ސުއާލު ކުރަންވާ މީހުންނާއެކު ސުއާލުކޮށް، ފިޔަވަޅު އަޅަންވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެއެވެ.

އިންޑިއާއިން ބުނާ ގޮތުގައި ޓެރަރިޒަމްގެ ތުހުމަތުގައި 2019ގައި ޖަމާއަތޭ އިސްލާމީ މަނާ ކުރިފަހުންވެސް އެޖަމާއަތުން ވަނީ ލަޝްކަރޭ ތޮއްޔިބާފަދަ ޖަމާއަތްތަކަށް ފައިސާދީ ހަދާފައެވެ.