އިންޑިއާގެ ޗައްތީސްގަޅު ސްޓޭޓަކީ، މައުދަނުން މުއްސަނދި ސަރަހައްދެކެވެ. އަދި ޗައްތީސްގަޅުގެ ސަރަހައްދުގެ 40 އިންސައްތަ ބިމަކީ، ޖަންގަލީ ގަސްތަކުން ނިވާވެފައިވާ ބިމެވެ. މިއީ އިންޑިއާގައި އެންމެ ގިނައިން ކޯލާ ދެލި ނަގާ އެއް ސްޓޭޓެވެ. ދަނގަޑާއި އެނޫނަސް އެހެން ޚާއްސަ މައުދަންތައް މި ސްޓޭޓްގައި ކޮނެގެން ނަގައެވެ.

ޗައްތީސްގަޅު ސްޓޭޓުން ނިންމާފައި ވަނީ ޖަންގަލީތައް ހިމާޔަތް ކުރުމަށްޓަކައި ގަސް ކެނޑުން މަނާކޮށް، ކޯލާ ދެލި ނެގުމަށް އިތުރު މައިންތައް ކޮނުމަށް ހުއްދަ ނުދިނުމަށެވެ.

ސްޓޭޓް ސަރުކާރުން މިފިޔަވަޅާއެކު ވަނީ ރަށްފުށުގެ މީހުންނަށް ޖަންގަލީ ގަސްތަކުންނާއި ޖަންގަލީން ލިބޭ މޭވާއަށް ހަމަ އަގު ލިބޭ ގޮތަށް ނިޒާމެއް ތައާރަފް ކޮށްފައެވެ. އަދި ރަށްފުށުގެ މީހުން ގަސްތަކުން ބިންނަ މޭވާއާއި އަމިއްލައަށް އުފައްދާ ބާވަތްތައް ބާޒާރަށް ވިއްކަން ގެންދަން އުޅޭ ފަރާތްތަކަށް ވިއްކުމުގެ ބަދަލުގައި ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ސަރުކާރަށް ވިއްކައި ވަގުތުން ފައިސާ ލިބިގަތުމަށްވެސް ހަމަޖައްސާފައި ވެއެވެ.

މިފަދަ ކޯޕަރޭޓިވް ސޮސައިޓީތައް އެހެން ތަންތާގައި ހިނގަމުން ދެއެވެ. ނަމަވެސް ޗައްތީސްގަޅުގައި ރަށްފުށުގެ ދަނޑުވެރިންނަށް ކޯލާދެލި މައިންތަކުގައި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރުމަށާއި އެހެން ސްޓޭޓްތަކަށް ވަޒީފާ ހޯދަން ދިއުމަށްވުރެން މިގޮތަށް މަސައްކަތް ކުރުމުގެ ފައިދާ މާބޮޑެވެ.

މި މޫސުމުގައި ހެނލެބެލީގެ މަތިވަރު ރަނގަޅުކަމުން، ރަށްފުށުގެ މީހުން ވަނީ ޖަންގަލީގެ ގަސްތަކުން ގިނަ އަދަދަކަށް ހެނލެބި ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދާފައެވެ.

މިދިޔަ އަށްމަސް ދުވަސް ތެރޭގައި 3741 ޓަނުގެ ހެނލެބެލި ސާފުކޮށް އޮށްނަގައި ސަރުކާރުގެ ގޮވާމުގެ ބާވަތްތައް ގަންނަ ކުންފުންޏަށް ވިއްކާފައި ވެއެވެ.

މީހުން ބުނާ ގޮތުން، ކުރިން އެހެން ސްޓޭޓަކަށް މަސައްކަތު ގޮސްގެން ލޭބަރެއްގެ ގޮތުގައި މަހަކަށް އަށްހާސް ރުޕީސް ލިބުނަސް މިހާރު އެއަށް ވުރެން ބޮޑު އާމްދަނީއެއް ރަށުގައި ތިބެގެން ގަސްތަކުން ލިބޭ މޭވާ ވިއްކައިގެން ލިބެއެވެ. މީގެ އިތުރުން ކެޝޫ ހޮވައިގެން ވިއްކައިގެން އެއިންވެސް ރަށްފުށުގެ ދަނޑުވެރިން ގިނަ އަދަދަކަށް އާމްދަނީ ހޯދައެވެ.