އިންޑިއާގައި ކައްކަން ބޭނުންކުރާ ތެޔޮ އުފެއްދުމަށް ހިތްވަރު ދިނުމަށް މަސައްކަތެއް ފަށައިފިއެވެ. މިހާރު އިމްޕޯޓް ކުރާ ކުއިންގ އޮއިލްއަށް ބަރޯސާ ވުމުގެ ބަދަލުގައި ކާން ބޭނުންކުރާ ތެޔޮ އުފެއްދުމުގެ ދާއިރާއަށް 1.48 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް އިންޑިއާއިން ނިންމައިފިއެވެ.

ދުނިޔޭގައި އެންމެ ގިނައިން ވެޖިޓަބަލް އޮއިލް އެތެރެކުރާ ގައުމަކީ އިންޑިއާއެވެ. އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް އަށް ބިލިއަން ޑޮލަރާއި ދިހަ ބިލިއަން ޑޮލަރު ވެޖިޓަބަލް އޮއިލް އެތެރެ ކުރުމަށް އިންޑިއާއިން ހޭދަ ކުރެއެވެ.

އިންޑިއާއަށް އަހަރެއްގެ މައްޗަށް 24 މިލިއަން ޓަނުގެ ކައްކާ ތެޔޮ ބޭނުންވާއިރު އިންޑިއާއަށް އަމިއްލައަށް އުފެއްދެނީ މީގެ ދެބައިކުޅަ އެއްބައެވެ. އިންޑޮނޭޝިއާއާއި މެލޭޝިއާއިން ޕާމް އޮއިލް އެތެރެ ކުރާއިރު، ބްރަޒީލުން ސޯއި އޮއިލް އެތެރެ ކުރެއެވެ. އަދި ސަންފްލާވާ އޮއިލް ރަޝިޔާއާއި ޔޫކްރޭނުން އެތެރެ ކުރެއެވެ.

ތެޔޮ އުފައްދާ ބާވަތުގެ އޮށްތަކުގެ ގޮވާމުގައި އިންޑިއާ އުޅެނީ ހަނޑުލާއި ގޮދަނުގެ ދަނޑުވެރިކަމަށް ވުރެން ހަގުނަ ފަހަތުގައި ކަން ސަރުކާރުގެ ތަފާސް ހިސާބުން ދައްކައެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން އިންޑިއާއިން ހަތަރު މިލިއަން ޓަނުގެ ކުކިންގ އޮއިލް އިމްޕޯޓު ކުރިނަމަވެސް މިހާރު މިއަދަދު ވަނީ 15 މިލިއަން ޓަނަށް އިތުރު ވެފައެވެ. އާބާދީ އިތުރުވެ އިގްތިސާދުގައި ވަރުޖެހެމުން ދިއުމާއި، ތެލުލި ބާވަތުގެ ކާނާއަށް މީހުން އެނބުރޭ އިރު 2030ގައި އިންޑިއާއަށް 20 މިލިއަން ޓަނުގެ ކުކިންގ އޮއިލް ބޭނުންވާނެއެވެ.

އެހާތަނަށް ދަނޑުވެރިންނަށް ބޭނުންވާ ޓެކްނޮލޮޖީއާއި އޮށާއި ގަސްތައް ފޯރުވައިދީގެން ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ރޮނގުން އަމިއްލަ ފައިމައްޗަށް ތެދުވާށެވެ.