އިންޑިއާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ވިކުރަންތުގެ ޓެސްޓް ދަތުރުތައް ނިންމައިލައިފިއެވެ. އިންޑިއާއިން މި މަނަވަރު ޚިދުމަތަށް ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު، އިންޑިއާއިން މިނިވަން 75 ފާހަގަ ކުރާ މުނާސަބާގައެވެ. 40 ހާސް ޓަނުގެ މަނަވަރުގެ ފަސް ދުވަހުގެ ތަމްރީނުތައް ނިންމާލާފައި ވަނީ ކާމިޔާބު ކަމާއެކުގައި ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިން ބުނެއެވެ.

އިންޑިއާއިން އަމިއްލައަށް އުފައްދާފައިވާ މަނަވަރު ބާލާފައި ވަނީ، ޗައިނާއިން އިންޑިއާ ކަނޑުގައި ހަރަކާތްތައް އިތުރު ކޮށްފައިވާ ދުވަސްވަރެއްގައެވެ. މިމަނަވަރާއެކު އިންޑިއާއަށް މަތިންދާ ބޯޓު އުފުލާ ދެ މަނަވަރު ލިބިގެން ދިޔައީއެވެ.

އިންޑިއާގެ ކަނޑުގެ ސިފައިން ބުނާގޮތުން ގައުމުގެ ދެ ބިތުން 7500 ކިލޯމީޓަރުގެ އައްސޭރި ފަށުގެ ސަރަހައްދެއް ބަލަހައްޓާއިރު އިންޑިއާއިން ދެ ފަރާތުގައި ދެ މަނަވަރު ބާއްވައިގެން ކަނޑުގެ ސަލާމަތީ ކަންކަން ފަސޭހައިން ބެލެހެއްޓޭނެއެވެ. މީގެ އިތުރުން އައު މަނަވަރު ބޭނުންކޮށްގެން އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދަށް ސަމާލުކަން ދިނުމަށް ވިސްނާފައި ވެއެވެ.

އިންޑިއާއިން މަތިންދާ ބޯޓު އުފުލާ އިތުރު މަނަވަރެއް ބަނުމަށްވެސް ދަނީ ވިސްނަމުންނެވެ. އަލަށް ބަނުމަށް ވިސްނާ ވިޝާލް މަނަވަރަކީ، މިހާރުގެ 40 ހާސް ޓަނުގެ މަނަވަރަށް ވުރެން ބޮޑު، 60 ހާސް ޓަނުގެ މަނަވަރެކެވެ.

މިމަނަވަރު ބަނުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެމެރިކާއާއި އިނގިރޭސިވިލާތުން ހޯދުމަށް އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މަތިންދާ ބޯޓު އުފުލާ މަނަވަރު ވިކުރަންތު ބަނުމުގައި ކޮންސަލްޓެންސީ ދިފާއިވަ ވަނީ އިޓަލީގެ ކުންފުންޏަކުންނެވެ. މި މަނަވަރުގައި ރޭޑާ އިކުއިޕްމެންޓަށް ބޭނުން ކޮށްފައި ވަނީ އިޒްރޭލުން އުފައްދާފައިވާ ސާމާނެވެ. އަދި މީގައި ބޭނުން ކުރާ ހެލިކޮޕްޓަރުތަކަކީ އެމެރިކާގެ ބޯއިންގ ކުންފުނިން އުފައްދާފައިވާ ހެލިކޮޕްޓަރުތަކެވެ. މަތިންދާ ބޯޓަކަށް ބޭނުން ކުރަނީ ރަޝިޔާއިން އުފައްދާފައިވާ މަތިންދާ ބޯޓުތަކެވެ.