ތާލިބާނުން އަފްޣާނިސްތާންގެ ޕްރޮވިންސްގެ ހަ ވެރިރަށެއް ކޮންޓްރޯލު ކުރަން ފެށުމާއެކު ގިނަ ބަޔަކު ވިއްސިވިހާލި ވަމުން ދިއުމުގެ ސަބަބުން އަފްޣާން ސަރުކާރުން ވަނީ އިންޑިއާގެ ވައިގެ ސިފައިންގެ އެހީއަށް އެދިފައެވެ.

އިންޑިއާގެ ދަ ޕްރިންޓް ނޫހުން ރިޕޯޓް ކުރިގޮތުގައި ރައީސް އަޝްރަފް އަބުދުލް ޣަނީގެ ސަރކާރުން ވަނީ އިންޑިއާގެ ވައިގެ ސިފައިން އަފްޣާނިސްތާނަށް އައިސް ތިބުމަށާއި އަދި ތާލިބާނާ ދެކޮޅަށް ވައިގެ ހަމަލަތައް ދިނުމުގައި ބައިވެރިވުމަށް އެދިފައެވެ.

ތާލިބާނުން މިހާރު މިސްރާބު ޖަހާފައި ވަނީ މަޒާރޭ ޝަރީފް ހިފުމަށެވެ. މިއީ އުތުރު އަފްޣާނިސްތާންގައި އެންމެ ބޮޑު އެއް ސިޓީއެވެ.

ކަންދަހާރާއި ހެލްމަންދުގައިވެސް ސިފައިން ދަނީ ތާލިބާނާ ދެކޮޅަށް ކުރިމަތި ލަމުންނެވެ.

އެމެރިކާ ސިފައިން އެއްކޮށް ފައިބައިގެން ދިއުމާއެކު ތާލިބާނުން ހަމަލަތައް ހުއްޓާލުމަށް އެދި، އދގެ މަންދޫބު ޒަލްމާއޭ ޚަލީލުޒާދު ގެންދަވަނީ ޤަތަރުގައި މަޝްވަރާތައް ބާއްވަވަމުންނެވެ.

އަފްޣާނިސްތާންގެ ޙާލަތާ މެދު، ޤަތަރާއި، އިނގިރޭސިވިލާތާއި ޕާކިސްތާނާއި ޗައިނާއާއި އުޒުބެކިސްތާނާއި އދއާއި ވިލާތު އިއްތިޙާދުންވެސް މަޝްވަރާތައް ބޭއްވުމަށް ނިންމާފައި ވެއެވެ.