ކަނޑުތަކުގައި ހިންގާ ހަރަކާތްތަކާއި، ކަނޑުތަކުގައި ގަވާއިދާ ޚިލާފަށް ހިންގާ ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އަމަލުކުރަން ޖެހޭނީ ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ގާނޫނު، ލޯ އޮފް ދަ ސީގެ ތަރަހައިގެ ތެރޭން ކަމަށް އިންޑިއާއިން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން ފާސްވެއްޖެއެވެ. މިއީ، ކަނޑުގެ ދަތުފަތުރާ ގުޅޭ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުން ނިންމި ފުރަތަމަ ފަހަރެވެ. ސަލާމަތީ މަޖިލީހުގެ އާދަކާދަތައް ހަމަޖެހިފައި އޮންނަގޮތުން ރިއާސަތުން ހުށަހަޅާ ކަންކަން އިއްތިފާގުން ފާސްވެއެވެ. އެހެންނަމަވެސް މި ހުށަހެޅުން ފާސްވެގެން ދިޔައީ އޮމާންކޮށެއް ނޫނެވެ.

ޗައިނާއިން ވަނީ މި ގަރާރުގެ އިބާރާތް އޮތްގޮތަށް ފާސްކުރުމާމެދު މައްސަލަ ޖައްސާފައެވެ. ނަމަވެސް އިންޑިއާއިން ވަނީ މެދުމިނުގެ ހައްލަކަށް ގޮސްގެން، ކަނޑުތަކާ ބެހޭ އދގެ ގާނޫނާ ޙަވާލާދީ އިބާރާތަށް ބަދަލު ގެނަސް ފާސްކުރެވޭ ގޮތަށް ގަރާރު އެކުލަވާލާފައެވެ.

ސަލާމަތީ މަޖިލީހުގެ މި ބައްދަލުވުމުގެ ރިއާސަތު ބެލެހެއްޓެވީ އިންޑިއާގެ ބޮޑު ވަޒީރެވެ. މނި ބައްދަލުވުމުގައި، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދެކުނު ޗައިނާ ކަނޑުގައި ކަނޑުދަތުރުފަތުރުގެ ސަލާމަތީ ކަންކަމަށް ބޮޑެތި ނުރައްކާތަކެއް ދިމާވެއެވެ.

ދެކުނު ޗައިނާ ކަނޑުގައި މިނިވަންކަމާއެކު ދަތުރުކުރުމާއި ހުއްދަ ވިޔަފާރި ދަތުރުތަކަށް ހުރަސްއެޅުމަކާ ނުލައި ކަނޑުދަތުރުފަތުރު ކުރުމަކީ، ހުރިހައި ގައުމެއްގެ ތިޔާގިކަމާއި ތަނަވަސްކަމަށާއި ދުނިޔޭގެ ހަމަޖެހުމަށް މުހިންމު ކަމެއް ކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ދަތުރުފަތުރަށާއި އެސަރަހައްދުގައި އުދުހުމަށް ޗައިނާއިން ހުރަސްއަޅާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އުޅަނދުތަކަށް ޗައިނާގެ ފަރާތުން ނުރައްކަލާ ކުރިމަތިލާން ޖެހޭ ކަމަށާއި ޗައިނާއިން ހައްގު ނޫން ދައުވާތައް ދެކުނު ޗައިނާ ކަނޑުގައި ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބަހުސްގައި ޗައިނާގެ މަންދޫބުގެ ނާއިބް ވާހަކަދައްކަވަމުން ވިދާޅުވީ، ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ގާނޫނަކީ އެމެރިކާއިން ބައިވެރިވެފައިވާ ގާނޫނެއް ނޫނެވެ. އެހެންނަމަވެސް އެގާނޫނާ ހަވާލާދީ އެމެރިކާއިން ފަނޑިޔާރެއްގެ ދައުރު އަދާކުރަން އުޅޭ ކަމަށެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދީ މައްސަލައެއްގައި ފިލިޕީންސުން ޗައިނާއާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި 12 ޖުލައި 2016ގައި ބައިނަލްއަގްވާމީ ކޯޓުން ޙުކުމް ކޮށްފައި ވަނީ ފިލިޕީންސާ އެއްކޮޅަށެވެ. ޗައިނާއިން ވަނީ މި ޙުކުމް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ.