ޖައްވުގައި އިންޑިއާއިން ބޭނުންވާ ސަރަހައްދުތަކަށް ފާރަލުމަށާއި ގުދުރަތީ ކާރިސާތަކާ ބެހޭ މައުލޫމާތު ދަނެގަތުމަށްޓަކައި، އައު ސެޓެލައިޓެއް މާދަމާ އިންޑިއާއިން ޖައްވަށް ފޮނުވާނެއެވެ.

ޖީއައިސެޓް1 ޖައްވުގައި އެނބުރޭއިރު، މި ސެޓަލައިޓު މަސައްކަތް ކުރާނީ ޖައްވުގައި ބަހައްޓާފައި ހުންނަ އިންޑިއާގެ ލޮލުގެ ގޮތުގައެވެ.

މިސެޓެލައިޓް ޖައްވަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ މާދަމާ ފަތިހު 5.43ގައި ސަތިޝްދާވަން ސްޕޭސް ސެންޓަރއިންނެވެ.

މިސެޓެލައިޓް ޖައްވުގައި ހުންނައިރު، ދަނޑުވެރިކަމާއި ޖަންގަލީތަކާއި މައުދަންތަކާއި ގަނޑުފެނާއި ވިލާތަކާ ބެހޭ މައުލޫމާތު ފޮނުވަމުން ގެންދާނެއެވެ.

މިސެޓެލައިޓަކީ، 2268 ކިލޯގެ ބަރުދަން ހުރި ސެޓެލައިޓެކެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިންޑިއާއިން ދުނިޔެ ބެލުމަށް އައު ސެޓެލައިޓެއް ފޮނުވުމަށްވެސް ނިންމާފައި ވެއެވެ.