ސައޫދީ އަރަބިއްޔާގެ ކަނޑުގެ ސިފައިންނާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން އަރަބި ކަނޑުގައި އަސްކަރީ ތަމްރީނުތައް ފަށައިފިއެވެ. ސައޫދީ އަރަބިއްޔާއިން ބުނިގޮތުގައި މތަމްރީނަކީ، ކަނޑުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި ސަލާމަތީކަންކަން ޔަގީން ކުރުމާ ބެހޭގޮތުން ހުނަރު ލިބިގަތުމަށް ބާއްވާ ތަމްރީނެކެވެ.

ސައޫދީ އަރަބިއްޔާގެ ވައިސް އެޑްމިރާލް މާޖިދު ބިން ޙަމްޒާ އަލްގަހްޠާނީ ވިދާޅުވީ، އިންޑިއާ ކަނޑުގެ ތަމްރީންތަކަކީ ސައޫދީ އަރަބިއްޔާއާއި އިންޑިއާގެ ކަނޑުގެ ސިފައިންގެ ދެމެދުގައި ބާއްވާ މިފަދަ ފުރަތަމަ ތަމްރީނެވެ. އަދި މީގެ ސަބަބުން ދެ ގައުމުގެ ކަނޑުގެ ސިފައިންނަށް ގުޅިގެން މަސއްކަތް ކުރުމަށް މުހިންމު ތަމްރީނުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.