ޕާކިސްތާންގެ އިމްރާން ޚާންގެ ސަރުކާރުން ޕާކިސްތާން އިލްމާނީ ގައުމަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓްގެ ރައީސް މައުލާނާ ފަޟުލުއްރަޙުމާނު ހާމަކުރައްވައިފިއެވެ. އޭނާ ވަނީ ދަންނަބޭކަލުންނާ ބައްދަލުކުރައްވައި، އިމްރާން ޚާންގެ ސަރުކާރާ ދެކޮޅަށް ތާއީދު ހޯއްދަވާފައެވެ. އޭނާ ބައްދަލު ކުރެއްވި އެއް ފަރާތަކީ، ޕާކިސްތާންގެ ނުފޫޒުގަދަ އިސްލާމީ ބޭފުޅެއްކަމުގައިވާ މުފުތީ މުޙައްމަދު ތަޤީ އުސްމާނީ އެވެ.

މި ދެބޭފުޅުން އެއްބަސްވެ ވަޑައިގަތް ގޮތުގައި އިމުރާން ޚާންގެ ސަރުކާރުން ހުށަހަޅާފައިވާ ވަގުފު ބިންތަކާ ބެހޭ ބިލާއި ގެވެށި އަނިޔާއާ ބެހޭ ބިލަކީ ޕާކިސްތާން ސެކިއުލަރ ދައުލަތަކަށް ހެދުމުގެ މަގްސަދުގައި ހުޅަނގުގެ ގައުމުތަކުން ވާގިލިބެން ކުރަމުންދާ މަސައްކަތެވެ.

ޕާކިސްތާން ޕީޕަލްސް ޕާޓީގެ ރައީސް ބިލާވަލް ބުއްޓޫ އިއްޔެ ވިދާޅުވިގޮތުގައި އިމްރާން ޚާންގެ ސަރުކާރު އޮތީ ހީނަރުކޮށެވެ. އަދި ކޮންމެ އިރަކުވެސް އާންމު އިންތިޚާބަށް ދާން ޖެހިދާނެ ކަމަށެވެ.