ސިޔާސީ ބައެއް ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ ބައެއް ފަހަރު ހިޔާލު ތަފާތުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ސިޔާސީ ބައެއް ކަންކަމުގައި ރައީސް ނަޝީދާއި ބައެއް ފަހަރު ޚިޔާލު ތަފާތު ކަމަށާއި ނަޝީދުގެ ވެރިކަމުގައި ހުންނެވިއިރުވެސް ނިންމެވި ބައެއް ނިންމެވުންތައް ކަމުނުގޮސްގެން އެ ވާހަކަ ދަންނަވާފައި ހުންނާނެ ކަމަށެވެ.
ނަމަވެސް ހުރިހާ ފަހަރަކު ނަޝީދުގެ ސަރުކާރުގައި ކަންކަން ނިމިގެން ދިޔައީ އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ނޫން ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑު ގަބޫލުކުރަން އެމަނިކުފާނުވެސް ކަންކަން ނިންމަވާނީ ވަރަށް ބޮޑަށް ވިސްނަވައިގެން ކަން،" ރައީސް ވިދާޅުވި އެވެ.
އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ނިންމެވި ބައެއް ކަންކަމުގައި އެމަނިކުފާނާއި ހިޔާލުތަފާތުވުމުން ރައީސް ނަޝީދުގެ ހިޔާލުތަފާތުވުންތައް ވެސް މިވެރިކަމުގައި ނިންމަވާ ކަންކަމާ ގުޅިގެން ހުންނާނެ ކަން އެއީ ގަބޫލުކުރައްވަންޖެހޭ ހަގީގަތެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ވެރިކަމެއް ކުރައްވާއިރު ކަންކަން ނިންމަވާނީ ލިބޭ މައުލޫމާތާއި ވަށައިގެން ހުރި ކަންކަމަށް ބައްލަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ބައެއް ފަހަރު ހިޔާލުތަފާތުވުންތައް އާދޭ، އެހެން ނަމަވެސް އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ އެ ހުރިހާ ކަމެއްގެ އަލީގައި" ރައީސް ވިދާޅުވިއެވެ.
މި ދުވަސްވަރަކީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުމާއި ކޯޅުން ބޮޑުވެ އަދި ސަރުކާރަށް ވެސް އެ ޕާޓީގެ ބައެއް މެމްބަރުން ބަހުގެ ހަމަލާ ރައްދު ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ސަރުކާރަށާއި އަދި ކޯލިޝަންގެ ބައެއް ޕާޓީތަކަށް ފާޑު ވިދާޅުވަމުންނެވެ.
އެމްޑީޕީ ދެ ފަޅި ވެފައިވާއިރު ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ދެން ހުރެވެން ނެތް ކަމަށް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.