ކޮވިޑް19 އުފެދިގެން އައި ގޮތާބެހޭ ގޮތުން އެމެރިކާއިން ހޯދަން އުޅުމުން އެކަމަށް ފާޑުކިޔާ ސުއިޒަރލެންޑްގެ ސައިންޓެސްޓެއް ޗައިނާގެ ދިފާއުގައި ވާހަކަ ދައްކަން ފަށައިފިއެވެ. ޗައިނާ މީޑިއާއިން ވަނީ ސުއިސް ސައިންޓިސްޓް ވިލްސަން އެޑްވަރޑާ ޙަވާލާދީ، އެމެރިކާގެ ބައިޑެންގެ ސަރުކާރަށް އޭނާ ކިޔާ ފާޑުކިޔުންތައް ގެނަސްދީފައެވެ.

ވޮޝިންޓަން ޕޯސްޓްގައި މި ވާހަކަތައް ރިޕޯޓްކޮށްފައި ވެއެވެ. ވޮޝިންޓަން ޕޯސްޓުން ސުއިޒަރލެންޑްގެ ސަރުކާރުގެ މަސްއޫލިވެރިންނާ ޙަވާލާ ދީ ބުނެފައި ވަނީ ސުއިސް ސައިންޓިސްޓެއްގެ ގޮތުގައި ވިލްސަން އެޑަވރޑް ނަމަކަށް ކިޔާމީހަކު ވުޖޫދުގައި ނެތް ކަމަށެވެ.

ބެއިޖިންގގައި ހުންނަ ސުއިޒަރލެންޑްގެ އެމްބަސީންވެސް ވަނީ މިނަން ކިޔާ ސައިންޓިސްޓަކު ސުއިޒަރލެންޑްގައި ފާޅުވެފައި ނުވާކަމަށް ބުނެ ޗައިނާގެ މީޑިއާގެ ވާހަކަތައް ދޮގުކޮށްފައެވެ.

މީގެ ކުރިން ޗައިނާ މީޑިއާއިން ގެންގުޅުނީ ޗައިނާގެ ދިފާއުގައި ވާހަކަ ދައްކަމުން ދިޔަ ފްރެންޗް ސައިންޓިސްޓެކެވެ. ޕެރިހުގެ ލުމޯންޑް ނޫހުން މިފަދަ ސައިންޓިސްޓެއް ފަރަންސޭސިވިލާތުގައި ނެތްކަމަށް ބުނެ ރިޕޯޓް ކުރުމުން އޭނާގެ ވާހަކަ ހިނދިގެން ދިޔައީއެވެ.