ޗައިނާއިން އިޒްރޭލާއި އީރާނާއީ ސައުދީ އަރަބިއްޔާއާއި އަދިވެސް އެހެން އެތައް ގައުމެއްގައި މައުލޫމާތުގެ ރަސްމަގުގައި ސައިބާ ހަމަލަތައް ދީފައިވާ ކަމަށް އިޒްރޭލުގެ ސައިބާ ސެކިއުރިޓީ ކުންފުނި ފަޔަރއައި އާ ޙަވާލާދީ ޖެރޫސަލަމް ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. މީގައި ސަރުކާރާއި އަމިއްލަ ކުންފުނިތައްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

މައުލޫމާތުގެ ރަސްމަގުގައި ޗައިނާއިން ޖާސޫސްކުރުމުގެ މަގްސަދަކީ، ވިޔަފާރީގައި ހޯދަމުންދާ ކުރި ޗައިނާއަށް އެނގުމަށާއި ޓެކްނޮލޮޖީއާއި ވިޔަފާރީގައި ގެންގުޅޭ ސްޓްރެޓެޖީތައް އޮޅުން ފިލުވާފައި ބޭއްވުމެވެ. ފަޔަރއައި އިން ބުނާ ގޮތުން ޗައިނާއާއެކު ވިޔަފާރި ކުރާ ގައުމުތަކާއި ޗައިނާގެ މިތުރުންނާއި ހަތުރުންނާ މެދުވެސް ޗައިނާއިން ސައިބާ ޖާސޫސްކުރުމުގައި ތަފާތެއް ނުގެންގުޅެއެވެ. ޗައިނާއިން ބާއްވާ ވިޔަފާރި ބަހުސްތަކާއި ކޮންޓްރެކްޓްތަކުގައި ސޮއިކުރުމުގައި ކުރި ހޯދަނީ މިގޮތަށް ކަމުގައި ފަޔަރއައި އިން ބުންޏެވެ.

އިޒްރޭލް ނޭޝަނަލް ސައިބާ ޑިރެކްޓަރޭޓުން ބުނާ ގޮތުން މައިކްރޯސޮފްޓްގެ ޝެއަރޕޮއިންޓް ސާވާގައި ހުންނަ ލޫޕްހޯލްތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޗައިނާއިން ވިއުގަތަކަށް ތޮރުފިގަނެއެވެ.

އިޒްރޭލުން ބުނާ ގޮތުގައި ސައިބާ ޖާސޫސް ކުރުމުގެ މަސައްކަތުގައި މިއުޅެނީ ޗައިނާގެ ޖާސޫސް ކުރުމަށް އުފައްދާފައިވާ ޚާއްސަ ގުރޫޕް ޔޫއެންސީ 215ގެ ނަމުން މަޝްހޫރު ގްރޫޕެވެ.