ޗައިނާއަކީ އާބާދީގެ ގުދުރަތީ ވިރާސީ ސިފަތައް ބަދަލު ކުރުމުގެ މަޝްރޫއުތަކެއް ހިންގައި އެކަމާ ބެހޭ ނާޖާއިޒު ދިރާސާތަކެއް ކުރުމުގައި އުޅޭކަމަށް ތުހުމަތު ކުރެވޭ ގައުމެކެވެ. ޕޮޕިއުލޭޝަން ޖެނެޓިކް އިންޖިނިއަރިންގ ގެ ދާއިރާގައި، ޗައިނާގެ އެކި ދަރިފަސްކޮޅުގެ މީހުންގެ ޑީއެންއޭ އެއްކުރުމަކީ ޗައިނާއިން ބޮޑު ޝައުގުވެރިކަމެއް ގެންގުޅޭ ދާއިރާއެކެވެ. މި ރޮނގުން ބައިނަލްއަގްވާމީ އިލްމީ ދިރާސާ މަޖައްލާތަކުގައި ޗައިނާ ސައިންޓިސްޓުން ލިޔުންތައް ޝާއިއުކޮށްވެސް ހަދައެވެ.

މޮލެކިއުލަރ ޖެނެޓިކްސް އެންޑް ޖެނޯމިކް މެޑިސިން މަޖައްލާއަކީ ވަރަށް ޚާއްސަ މަޖައްލާއެކެވެ. މިއީ، އެމެރިކާގެ ސައިންސާ ގުޅޭ މަޢުލޫމާތު ޝާއިއުކޮށް ޗާޕްކުރުމުގެ މަސައްކަތުގައި އުޅޭ ވީލީ ކުންފުނިން ޝާއިއުކުރާ މަޖައްލާއެކެވެ. ޗައިނާއިން ތައްޔާރުކޮށްފައިވާ ފޭކު ސައިންސް ދިރާސާތަކެއް ޝާއިއުކުރި ކަމުގެ ތުހުމަތުގައި މި މަޖައްލާގެ އެޑިޓޯރިއަލް ޓީމުގެ އަށް މީހަކު ވަނީ ގަނޑުކޮށް އިސްތިއުފާ ދީފައެވެ. އެޑިޓޯރިއަލް ޓީމްގައި 25 މެމްބަރުން ހިމެނެއެވެ.

މި މައްސަލައަކީ ޗައިނާއިން އެގައުމުގެ ބައިމަދު ދަރިކޮޅުގެ މީހުންގެ ޑީއެންއޭ ނަގައިގެން އާބާދީގެ ތެރޭން އެމީހުން ބިލެތްހުނި ޖަހާގޮތަށް ވަކިކޮށްދިނުމަށް ހިންގާފައިވާ ދިރާސާތަކަކާ ގުޅޭ މައްސަލައެކެވެ. ޗައިނާއިން ވަނީ އުއިގޫރު މީހުންނާއި ޓިބެޓުގެ މީހުންގެ ޑީއެންއޭ ނަގައި އެމީހުންގެ މޫނުގެ ބައްޓަން ދިރާސާކޮށްފައެވެ. އަދި މިމީހުންގެ ގުނަވަންތައް އެހެން ދަރިކޮޅުގެ މީހުންގެ ގައިގައި އިންދުމަށް ނަގާ މައްސަލައެއްވެސް މީގައި ފާހަގަ ކުރެވިފައިވާކަމަށް ފޮރިން ޕޮލިސީން ރިޕޯޓް ކުރެއެވެ.

އާބާދީގެ މީހުންގެ ޑީއެންއޭ ނަގައި އޭގެ ނާޖާއިޒު ފައިދާ ނެގުމަކީ ސައިންސްވެރިންގެ ތެރޭގައި ސީރިއަސްކޮށް ބަހުސް ކުރެވޭ ހައްސާސް މައްސަލައެކެވެ.

މޮލެކިއުލަރ ޖެނެޓިކްސް އެންޑް ޖެނޯމިކް މެޑިސިން މަޖައްލާގެ މައްސަލަވެސް ބޭޒާރުކޮށްލީ މިފަދަ މަސައްކަތެއްގައި އުމުރު ހޭދަކޮށްފައިވާ ސައިންޓިސްޓެކެވެ. ބެލްޖިއަމްގެ ސައިންޓިސްޓް (ފޮޓޯގައިވާ) ޔީވް މޯރޯއަކީ 2015ގައި ކުވެއިތުން ޑީއެންއޭ ނެގުމަށް މަޖުބޫރުކުރާ ގާނޫނެއް ފާސްކޮށްގެން އެގައުމުގެ އެންމެންނާއި އެގައުމަށް އެތެރެވާ އަދި އެތެރެވެފައިވާ އެންމެންގެ ޑީއެންއޭ ނަގައިގެން ޑީއެންއޭ ބޭންކެއް ހަދަން އުޅުމުން އެކަމާ ދެކޮޅަށް ނިކުތް ސައިންޓިސްޓެވެ. މިކަމުގައި ވަކާލާތުކޮށް އޭނާ ކާމިޔާބު ހޯދުމުން ކުވެއިތަށް މަޖުބޫރުވީ އެ ވިސްނުން ދޫކޮށްލައި ގާނޫނު އުވާލާށެވެ.

2017ގައި ހިއުމަން ރައިޓްސް ވޮޗްއިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާއިން ޝިންޖިއާންގެ މުސްލިމުންގެ އެތައް މިލިއަން މީހުންގެ ޑިއެންއޭ ނަގަމުންދާ ކަމަށެވެ. މިކަމަށް ސަމާލުކަން ދީގެން މޯރޯ ހެދި ދިރާސާއިން ދައްކަނީ، މޮލެކިއުލަރ ޖެނެޓިކްސް އެންޑް ޖެނޯމިކް މެޑިސިން މަޖައްލާގައި ޗައިނާއަށް ފަހިވާފަދަ 18 ޢިލްމީ ދިރާސާއެއް ޝާއިއުކޮށްފައިވާ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައިވެސް މި މަޖައްލާގެ ވާހަކަ ހިމަނާފައި ވެއެވެ. އަދި ޑީއެންއޭ ނަގާފައިވަނީ ގަދަކަމުން ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.