ރައްޔިތުން އަޅުވެތިކޮށް ނިކަމެތިކޮށްގެން ވެރިކަން ކުރެއްވުން ހުއްޓަވާލެއްވުމަށް، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ބޭރުކޮށްފައިވާ އެ ކޮމިޓީގެ ނާއިބު ރައީސް ޝުއައިބު އަލީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

އެކަމަށް ގޮވާލައި އޭނާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު އެމްޑީޕީގެ ތެރޭގައި މައުމޫނިޒަމް އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އޭނާގެ ހަޔާތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ކަހަލަ ކުޑަ ކަލާނގެ އެއްް ދެން އިތުރަށް ދިވެހިންދެކެން ބޭނުން ނުވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޝުއައިބު ފިޔަވަޅުއަޅާ ކޮމިޓީންވެސް ބޭރު ކުރީ ނަޝީދާ ނެހުނު މައްސަލައެއްގައެވެ.

އެއީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރުނެތް ކަމަށް މަޖިލީހުން ވޯޓުނައި އޭނާ މިނިސްޓަރުކަމުން ބޭރު ކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތްތަކާ ގުޅިގެން، އެއީ ނުފޫޒު ފޯވުމެއް ކަމަށާއި، އެކަމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތެއް ކަަމަށް ވިދާޅުވެ، ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަށ،ް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީ ފޮނުވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ދެކޭ ގޮތުގައި ރައީސް ނަޝީދު ގެންދަވަނީ މުޅި އެމްޑީޕީއަށް އޭނާގެ ނުފޫޒު ފޯރުވައި ހުދުމުހުތާރުވެވަޑައިގަންނަވަމުންނެވެ.