ކޮވިޑް19އަށް ދޭ ތަފާތު ދެ ވެކްސިނެއް އެއްކުރުމުން ނިކުންނާނެ ނަތީޖާއާ މެދު ދިރާސާކުރުމަށް އިންޑިއާ ސަރުކާރުން ފަށައިފިއެވެ. އެގޮތުން ސީއެމްސީ ވެއްލޫރުގައި، ކޯވެކްސިންއާއި ކޮވިޝީލްގެ ދެ ވެކްސިން އެއްކޮލައިގެން ޓެސްޓް ކުރުމަށްވެސް ހުއްދަ ދީފައި ވެއެވެ.

އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަރޑް އޮގަނައިޒޭޝަނުން ހުއްދަ ދީފައި ވަނީ 300 މީހުން ބައިވެރިކޮށްގެން ސީއެމްސީ ވެއްލޫރުގައި މި ޓެސްޓް ހެދުމަށެވެ.

މި ޓެސްޓްގައި ބަލަން ބޭނުންވާ ކަމަކީ، ދެ ވައްތަރެއްގެ ވެކްސިނެއް ޖަހައިގެން މީހާއަށް ކޮވިޑް19 އިން ރައްކާތެރިކަން ލިބިދާނެތޯއާއި އަދި ރައްކާތެރިކަން ލިބެނީ ކިހާ މިންރަކަށްތޯ ބަލާށެވެ.

މީގެ ކުރިން ޔޫޕީގައި އަވަށެއްގައި ތަފާތު ދެ ވެކްސިންގެ ޑޯޒްތަކެއް އޮޅިގެން މިކްސް ކުރެވިފައި ވެއެވެ. އެ އަވަށުގެ މީހުންނަށް އިންޑިއަން މެޑިކަލް ކައުންސިލް އޮފް ރިސާރޗުން ކޮށްފައިވާ ދިރާސާއިން ދައްކަނީ ތަފާތު ދެ ވެކްސިން ޑޯޒްތަކެއް މައްސުނި ކުރުމުން މީހާއަށް ކޮވިޑް19 ވައިރަސްއާ ދެކޮޅަށް ވަރުދަ ދިފާއެއް އަށަގަންނުވައިދޭ ކަމަށެވެ.