ޖަމާއަތަށް ގެއްލުން ހުރި އެއްޗެއް ކަމަށް ބުނެ ޗައިނާއިން 120 ލަވައެއް ގެންގުޅުމާއި އަޑުއެހުން މަނާ ކޮށްފިއެވެ. މި ލަވަތަކުގެ ލިސްޓް ވަނީ މިނިސްޓްރީ އޮފް ކަލްޗާގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ. ފުލުހުން ވަނީ އެކި ސަރަހައްދުތަކުގައި ކަރޯކޭ ބާރތަކަށް ވަދެ މި ލަވަތައް ގެންގުޅޭތޯ ބަލައި ފާސްކޮށްފައެވެ.

މަނާކޮށްފައިވާ ލަވަތަކުގެ ތެރޭގައި "ނޯ މަނީ ނޯ ފްރެންޑް" އަދި "އައި ޑޯން ވޯންޓް ޓު ގޯ ޓު ސްކޫލް"އާއި "ވަން ނައިޓް ސްޓޭންޑް" އަދި "އައި ޑޯން ލަވް ޗައިނީޒް ވުމަން އައި ލަވް ތައިވނީޒް ގަރލްސް" ފަދަ ލަވަތައް ހިމެނެއެވެ. އަދި ފާރޓްގެ ނަމުން އެކަމުގެ މައްޗަށް ލިޔެފައިވާ ލަވައެއްވެސް މަނާކޮށްފައިވާ ކަމަށް ސީއެންއެން އިން ބުނެއެވެ.

މަނާކޮށްފައިވާ ލަވަތައް ގެންގުޅޭ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށްވެސް ބުނެފައި ވެއެވެ. މިކަމާ ދެކޮޅަށް މީސްމީޑީއާ ވައިބޯގައި ލިޔުނު މީހުން ބުނެފައި ވަނީ މިފަދަ ފިޔަވަޅުތައް އަޅައިގެން ދުވަހަކުވެސް ޗައިނާގައި ހިޕްހޮޕް މިއުޒިކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

ޗައިނާއަކީ އޮން ލައިންކޮށާއި އޮފް ލައިންކޮށް ސެންސަރުކުރުމުގައި ދުނިޔޭގެ އެންމެ ކުޅަދާނަ ގައުމެވެ.