ނޫ އިގްތިސާދަށް ފަހިކުރުމުގެ ގޮތުން އިންޑިއާއިން ކަނޑުގެ އެންމެ އަޑީގެ ދިރާސާތައް ފެށުމަށް ނިންމައިފިއެވެ. ފަސް އަހަރު ދުވަހަށް އިންޑިއާއިން ބަޖެޓްޖްކޮށްގެން ކުރާ މިދިރާސާގައި އަމިއްލަ ފަރާތްތަކަށްވެސް ހިއްސާވުމަށް ފުރުސަތު އޮންނާނެއެވެ.
އިންޓަރނޭޝަނަލް ސީ ބެޑް އޮތޯރިޓިއާއެކު އެއްބަސްވެގެން އިންޑިއާގެ މިނިސްޓްރީ އޮފް އަރތު ސައިންސަސްއިން ހިންގާ މި ދިރާސާ ކުރުމުގައި ކަނޑުގެ ވެށީގެ ތަފާތު ދިރުންތަކާއި ކަނޑުގައި އުފެއްދެން އޮތް ހަކަތައާއި، ސާފު ބޯފެނާއި މައުދަން ފަދަ މާއްދާތައް ހޯދުމަށް ދިރާސާ ކުރެވޭނެއެވެ.
މި ދިރާސާ ބިނާ ވެފައި އޮންނާނީ ހިންދު ކަނޑުގެ މެދުތެރެއަށާއި ހިންގު ކަނޑުގެ ހުޅަނގު ދެކުނު އައްސޭރިފަށަށެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި ހިންދު ކަނޑުގެ މެދުތެރޭ ސަރަހައްދުގެ 75 ހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ލޮޔާއި ނިކެލް އަދި ކޮބަލްޓާއި މެންގަޒީޒް ފަދަ މާއްދާތަކުގެ 380 މިލިއަން މެޓްރިކް ޓަނުގެ މާއްދާތައް އެބަހުއްޓެވެ. މި މާއްދާތަކުގެ އަގު 110 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ލަފާކޮށްފައި ވެއެވެ. މީގެ އިތުރުން މިތާނގައި ރަނާއި ރިހި ހުންނާނެކަމަށްވެސް ބެލެވެއެވެ.
މިފަދަ މާއްދާތައް އަޑިން ނެގުމުގެ ޓެކްނޮލޮޖީގެ ގާބިލްކަން ލިބިގެންވަނީ އެމެރިކާ ރަޝިޔާ ފްރާންސް އަދި ޖަޕާނާއި ޗައިނާއަށެވެ.
އިންޑިއާގެ ޕާލަމެންޓްގެ މަތި ގޭގައި މިމައްސަލާގައި މައުލޫމާތު ދެއްވަމުން މިކަން ކުރިއަށް ގެންދާނީ އިންޑިއާއިން އަމިއްލައަށް ކަމެއް ނުވަތަ ގައުމަކާ ގުޅިގެން ކަމެއް އިންޑިއާގެ ވަޒީރު ސާފުކޮށެއް ނުދެއްވައެވެ.
އިންޑިއާއިން ވަނީ ކަނޑުގެ ދަތުރުފަތުރާއި ކަނޑުގެ ސަރަހައްދާ ބެހޭ ގޮތުން ޚާއްސަ ސަމާލުކަމެއް ދޭން ފަށާފައި ވެއެވެ. އދގެ ސަލާމަތީ މަޖިލީހުގައި އިންޑިއާގެ ރިއާސަތުގައި ބޭއްވި ފުރަތަމަ ޖަލްސާތަކުގައިވެސް ވަނީ ކަނޑުގެ ދެބަސްވުންތައް ބައިނަލްއަގްވާމީ ކަނޑާ ބެހޭ މުއާހަދާގެ ތަރަހައިގެ ތެރޭން ޙައްލު ކުރުމަށް ބާރުއަޅައި ވާހަކަ ދައްކާފައެވެ.