ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ)ގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ (ރެކޮމެންޑޭޝަންތަކުގެ) ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް އެން.އެސް.ސީ މެންބަރުންނާ މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

271 ސޮފްހާގެ އެ އިންކުއަރީ ރިޕޯޓުގައި ވަނީ ނަޝީދަށް ހަމަލާދިނުމުގެ ކުރިންނާއި، ހަމަލާދެވުނު ދުވަހާއި އަދި އޭގެ ފަހުން ހިނގާދިޔަ ކަންކަން ތަފްސީލީ ގޮތެއްގައި ހާމަކޮށްފައެވެ.

241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓު ނަޝީދާއި ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު އެބައޮތް ކަމަށާއި އެމަނިކުފާނު ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތައް ބަލައިގަނެ އަވަހަށް ފިޔަވަޅު އެޅުން މުހިއްމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ މާލެ އަރާތަނުން އަނެއްކާ ވެސް އިތުރަށް ބަޔަކު މީހުން މަސައްކަތްކޮށްގެން އަޅުގަނޑު މަރާލުމަށް ކަންކަން ހިންގަން އުޅޭ އުޅުމެއް އޮވެގެން ނުވާނެ ކަމަށް އަޅުގަނޑުމެން އެންމެނަށް ވެސް އެބަފެނޭ" ނަޝީދު ވިދާޅުވިއެވެ.

އަދި ރާއްޖެ އަށް ދިމާވެފައިވަނީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެގޮތުން އެކަމަކީ އެމަނިކުފާނުގެ ޒާތާއި ގުޅޭ މައްސަލައެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކަން ދިމާވި ގޮތުން އެމަނިކުފާނު މަރާލުމަށް ބަޔަކު މީހުން ރޭވި ރޭވުމެއް ނާކާމިޔާބުވި ނަމަވެސް އެ ރޭވުން ކާމިޔާބުގެ ތުންފަތް މައްޗަށް އެމީހުން ގެނައި ކަމަށް ނަޝީދު ވިދާޅުވިއެވެ.