ތާލިބާނުން ދެމުންދާ ވަރުގަދަ ހަމަލަތަކުގެ ފަހަތުގައި އަލްގައިދާއާއި އެތައް ގައުމަކަށް ނިސްބަތްވާ، ކުލީ ހަނގުރާމަވެރިންގެ މީހުން ހަރަކާތްތެރިވާ ކަން ޑޮކިއުމެންޓް ކުރެވިފައިވާ ކަމަށް ނިއްކީ އޭޝިއާ ނޫހުން ބުނެފިއެވެ.

ތާލިބާން ޖަމާއަތާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވާގުޖން އަލްގައިދާއާ ތާލިބާން ގުޅުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް އަފްޣާނިސްތާން ސިފައިން އަންގާގޮތުން، އަދި މައިދާނުން ލިބެން ހުރި މަޢުލޫމާތުން ދޭހަވަނީ، ތާލިބާނުންގެ ސަފުތަކުގައި އަލްގައިދާއިން ހަނގުރާމަ ކުރަމުންދާ ކަމަށެވެ. އަދި މިމީހުންނަކީ ފުރާނައެއް ބެލުމެއް ނެތި، ކުރީ ސަފުގައި ބޮޑެތި ގެއްލުންދޭ މީހުންނެވެ.

އަފްޣާނިސްތާން ސިފައިން ނިއްކީއަށް ކިޔައި ދިން ގޮތުގައި ސިފައިންނާއި ތާލިބާނާ ދެމެދު ކޮންމެ ދުވަހަކުހެން، ބަދަލު ކުރެވޭ ހަމަލަތަކުގައި ތާލިބާނުގެ ތެރޭން މަރުވާ މީހުންގެ ތެރޭގައި އަލްގައިދާ މީހުންނާއި އެހެން ގައުމުތަކުގެ ކުލީ ހަނގުރާމަވެރިން ފާހަގަ ކުރެވެއެވެ.

އަލްގައިދާގެ އިތުރުން ތާލިބާނާއެކު އުއިގޫރު ހަނގުރާމަވެރިންގެ އީސްޓާން ތުރުކުމާނިސްތާން އިސްލާމކް މޫވްމެންޓާއި ތަހްރީކޭ ތާލިބާނޭ ޕާކިސްތާންގެ މީހުންނާއި މެދުތެރޭ އޭޝިއާގެ ހަނގުރާމަވެރިންގެ އިސްލާމިކް މޫވްމެންޓް އޮފް އުޒުބެކިސްތާނާއި ތާޖިކް ހަނގުރާމަވެރިންގެ ޖަމޢަތު އަންސާރުﷲ ހިމެނެއެވެ. ނިއްކީ އޭޝިއާއިން ބުނިގޮތުގައި ތާލިބާނުން ވަނީ މިފަދަ ބަޔަކު ހަނގުރާމަ ކުރާކަމަށް ބުނާ ރިޕޯޓްތަކަކީ ދޮގު ރިޕޯޓްތަކެއް ކަމަށް ބުނެފައެވެ.

އދގައި ހުންނަވާ އަފްޣާނިސްތާންގެ ދާއިމީ މަންދޫބު ޣުލާމް އިސްހާގްޒާއީ ވިދާޅުވާ ގޮތުން އަފްޣާނިސްތާންގައި ވިއްސަކަށް ގްރޫޕްގައި ދިހަ ހާސް ކުލީ ހަނގުރާމަވެރިން ހަރަކާތްތެރިވެއެވެ.

ސަލާމަތީ ކަންކަމުގެ ތަޖުރިބާކާރުން ޔަގީން ކޮށްދޭ ގޮތުގައި ތާލިބާނުންނާއި އަލްގައިދާއާއެކު ވަކިވުމެއް ނެތް ގުޅުންތަކެއް އޮވެއެވެ.

ތާލިބާން ބާރުގަދަ ވެގެން ދިއުމުގެ ސަބަބުން އަފްގާނިސްތާންގެ އިތުރުން އިންޑިއަން ސަބްކޮންޓިނެޓްގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް އައު ހިތްވަރެއް ލިބި މިމީހުންގެ ހަމަލަތައް ފެންނާން ފަށާނެ ކަމުގައި ތަޖުރިބާކާރުން ބުނެއެވެ.