ސްރީލަންކާގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރުމުގެ ދައުވާގައި ޖަލަށްލާފައިވާ، ޕާކިސްތާންގެ އެކާޅީސް މީހެއްގެ މައްސަލާގައި އިސްލާމްއާބާދުގެ ކޯޓަކުން ހޯމް މިނިސްޓްރީގެ އިސް މަސްއޫލުވެރިން ހާޒިރުވާން އަންގައިފިއެވެ.

ދެ ގައުމުގެ ދެމެދު ސޮއިކޮށްފައިވާ ކުށްވެރިން ބަދަލު ކުރުމުގެ މުއާހަދާގެ ދަށުން މި މީހުން ވަނީ ސްރީލަންކާ ޖަލުން އިސްލާމްއާބާދަށް ބަދަލުކޮށްފައެވެ. މިމީހުން އިސްލާމްއާބާދުގެ ކޯޓަށް މައްސަލަ ވައްދާފައި ވަނީ ސްރީލަންކާގައި މަސްތުވާތަކެތި ސްމަގްލް ކުރުމުން ކުރާ ދައުވާއާއި ޕާކިސްތާންގައި ކުރާ ދައުވާ ތަފާތު ކަމަށް ބުނެއެވެ.

މި މައްސަލާގައި ވާނުވާ ސާފުކުރުމަށް ކޯޓުން ވަނީ ހޯމް މިނިސްޓްރީގެ ވެރިން ހާޒިރުވެވަޑައިގަތުމަށް އަންގާފައެވެ.

ލންކާއާއި ޕާކިސްތާނާ ދެމެދު ކުށްވެރިން ބަދަލު ކުރުމުގެ މުއާހަދާގައި ސޮއިކޮށްފައި ވަނީ 2004 ގައެވެ. މި މުއާހަދާގައި ބުނާ ގޮތުން ހަ މަސްދުވަހަށް ވުރެން ދިގު ޙުކުމެއްގައި ތިބޭ ކުށްވެރިން ބަދަލު ކުރެވިދާނެއެވެ. މިމީހުން ޕާކިސްތާނަށް ގެންގޮސްފައި ވަނީ ޕީއައިއޭގެ ޗާރޓާރޑް ޕްލައިޓެއްގައެވެ.