ޕާކިސްތާނުން ސީޕެކްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ސީޕެކް ހިންގާ އިދާރާގއެ އިސްވެރިއަކަށް ވިޔަފާރިވެރިއަކު އައްޔަން ކޮށްފިއެވެ. ކުރިން މި މަގާމުގައި ހުންނެވީ ސިފައިންގެ އޮފިސަރެކެވެ. ލެފްޓިނެންޓް ޖެނެރަލް އާސިމް ސަލީމް ބާޖްވާގެ އިރުޝާދުގެ ދަށުން 62 ބިލިއަން ޑޮލަރުގެ ޗައިނާ ޕާކިސްތާން އިކޮނިމިކް ކޮރިޑޯގެ މަސައްކަތްތައް ހިނގަމުން ދިޔައީ ސިފައިން ރުހޭ ގޮތަށެވެ.

ބާޖްވާ މަގާމުން ދުރުކުރެއްވުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން ނިންމެވި ސަބަބެއް އަދިވެސް ސާފެއް ނުވެއެވެ. ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައި އޮތް ބާޖްވާ މަގާމުން ދުރުކުރެއްވުމަށް ބޮޑު ވަޒީރު ޚާން ނިންމެވީ ބެލެވޭ ގޮތުގައި ޗައިނާގެ އިޝާރާތަކަށެވެ. ނޫސްވެރިޔާ އަޙުމަދު ނުރާނީ ވަނީ ބާޖްވާގެ ގިނަ ވިޔަފާރި މަސްހަލަތާ ބެހޭ ގޮތުން ސިރާސާ ރިޕޯޓްތަކެއް ޝާއިއުކޮށްފައެވެ.

އަލަށް ސީޕެކް އޮތޯރިޓީ ހިންގުން ޙަވާލުކޮށްފައިވާ ޚާލިދު މަންސޫރަކީ ބެއިޖިންގއާ ގާތް ވިޔަފާރިވެރިއެއްކަމަށްވެސް ބުނެވެއެވެ.

ބާޖްވާއަށް ދިމާވި އެންމެ ބޮޑު ގޮން ޖެހުމަކީ ޕާކިސްތާންގައި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާ ޗައިނާގެ ބަޔަކަށް ޓެރަރިސްޓް ހަމަލައެއްދީ މަރާލި މައްސަލައެވެ. މި ކަމުގެ އަޑީގައި ތިބީ، ބެލެވޭ ގޮތުގައި ޝިންޖިއާންއަށް ނިސްބަތްވާ ޓެރަރިސްޓް ގްރޫޕެކެވެ. މިމީހުންނަކީ ޗައިނާއިން ބޭރުގައި ޗައިނާގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރާ ގްރޫޕެކެވެ.

ބާޖްވާ މަގާމުން ދުރުކޮށްފައި ވަނީ ޕާކިސްތާންގެ ޚާރިޖީ ވަޒީރާއި ސިފައިންގެ އިސްވެރިޔާ ޗައިނާއަށް ވަޑައިގެން، ޗައިނާގެ މަސްލަހަތު ޙިމާޔަތްކޮށްދީ، ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވިޔާ މާގިނަ ދުވަހެއް ނުވަނީހެވެ.