ދަންވަރުގެ ވަގުތެވެ. މަޑުމަޑުން ދެލޯ ހުޅުވައިލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ލިބުނު ޚަބަރާއެކު ބުނަންނޭނގޭ ގޮތްތަކެއް ވިއެވެ. ހިތްދަތި އިހުސާސް ތަކެއް ކުރެވެންފެށިއެވެ. ބަޔާންކޮށްދޭން ނޭނގުނު އުނދަގުތަކެއް ވާންފެށިއެވެ. ލޮލުން ކަރުނައެއް ނާދެއެވެ. އެކަމަކު އެތެރެހަށީގައި ގަދަ ވޭނެއްގެ އިހުސާ ކުރެވެމުން ދިޔައެވެ. މިއީ ހިތްދަތިކަމެކެވެ. ވޭނެކެވެ. އެހެން މީހެއްގެ ގާތު ބުނެދޭން ނޭނގޭ ތަދެކެވެ. މިއީ ކުއްލިއަކަށް ލިބޭ ޚަބަރަކުން ނުވަތަ ހިތްދަތިވާ ކަހަލަ ކަމެއް ދިމާވުން ފަދަ ކަމެއް ކުރިމަތިވުމުން އަހަންނަށް އަބަދު ވެސް ވާގޮތެވެ.

މި ހިސާބުން އަހަރެންގެ ބައްޔަށް ފެށުނީއެވެ. އަވަސް އަވަހަށް ފާޚާނާއަށް ދާން ޖެހުމެވެ. ގައިން ވަރު ދޫވުމެވެ. ނުބައި ނަތީޖާތައް ނުކުންނަ ގޮތަށް ކަންކަން ވަޒަންކުރެވުމެވެ. މިއީ ދުވަސްތަކަކަށް ދެމިގެންދާ ކަމެކެވެ.

އަނެއް ދުވަހު އަހަރެން ޑޮކްޓަރަށް ދެއްކީމެވެ. ވާގޮތް ކިޔައިދިނީމެވެ. ޑޮކްޓަރު ބުނެދިން ގޮތުގައި މީ ހަމަ އެކަނި އަހަރެންނަށް ދިމާވާ ކަމެއް ނޫނެވެ. ގިނަ ބަޔަކު ތަހައްމަލް ކުރަމުންދާ ވޭނެކެވެ. މިއީ އެންޒައިޓީއެވެ.

އެންޒައިޓީ އަކީ ކޮންއެއްޗެއް ހެއްޔެވެ؟ އެއީ ނަފުސާނީ ކަމެކެވެ. ބައްޔެކެވެ. ވޭނެކެވެ. އޭގެ މައްޗަށް އަމިއްލަ ބާރު ފޯރުވާން އުނދަގޫ ހާލަތެވެ. ނަމަވެސް ޑޮކްޓަރު ކިޔައިދިން ގޮތުގައި މިއީ ކުރިމަތިލެވޭނޭ ކަމެކެވެ. ފަރުވާ ހޯދޭނެ ބައްޔެކެވެ. މިކަމާ ބެހޭގޮތުން އެތައް ފޮތެއް ލިޔެފައިވެއެވެ. އެތައް ލިޔުމެއް ޝާއިއުކުރެވިފައިވެއެވެ. މީގެ ބައެއް ލިޔުންތައް ޑޮކްޓަރު ފާހަގަކޮށްދިނެވެ. އެ ލިޔުންތަކުން އެނގުނު ގޮތުގައި މި ހާލަތު ދިމާވާ އެތައް ބަޔަކު އެބަ އުޅެއެވެ. އެނގުނެވެ.

"އެންޒައިޓީ" އަކީ ނަފުސާނީ ދުޅަހެޔޮކަމަށް ދިމަވާ މައްސަލައެކެވެ. އެންޒައިޓީގެ ވަރަށް ގިނަ ވަށްތަރުތައް ހުރެއެވެ. އޭގެތެރޭގައި ދިގުމުއްދަތަށް ދެމިގެންދާ ކަންތައްތައްވެސް ހުރެއެވެ. މީގެތެރޭގައި ކަންބޮޑުވުން ހާސްވުން ފަދަ ކަންތައް ހިމެނެއެވެ. އަދި ބައެއްމީހުނަށް ޖިސްމާނީ ކަންތައްތައްވެސް ފެނެއެވެ.

އެންޒައިޓީގެ ހާލަތު ދިމާވުމުން ވަރަށް ގިނަމީހުނަށް އަވަސް އަވަހަށް ފާޚާނާއަށް ދެވެއެއެވެ. ޑޮކްޓަރުން ހާމަކުރަށްވާގޮތުގައި މިކަން މިހެން ދިމާވަނީ ހަޖަމުކުރާ ނިޒާމާއި ސިކުނޑިއާ އޮންނަ ގުޅުމުގެ ސަބަބުންނެވެ.

ސީދާ މިކަން ދިމާވާ ސަބަބެއް ތަޖުރިބާކާރުންނަށްވެސް ހޯދިފައެއް ނެތެވެ. އެނގޭކަމަކީ އެންޒައިޓީއަކީ ވަރަށް ގިނަމީހުނަށް ދިމާވާ ކަމެއްކަމެވެ.

މި ބައްޔަކީ ގަދަ ވޭނެއްކަމުގައި ވިޔަސް، މި ބައްޔަށް ހައްލު ހޯދޭކަމާއި ފަރުވާކުރެވޭކަން އެނގުނެވެ.

މި ހާލަތު ދިމާވެއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. ކޮންމެހެން ނަފުސާނީ ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓް ލިބެންދެން ގިނަ ދުވަހު އިންތިޒާރުކުރާނެ ކަމެއް ނެތެވެ. އެޕޮއިންޓްމަންޓް ލިބުމާ ހަމައަށް ވެސް އެހީތެރިވެދޭނެ ފަރުވާއާއި ލަފާ ކޮންމެ ޑޮކްޓަރަކަށް ވެސް ދެވޭނެއެވެ. އަދި ނަފުސާނީ ޑޮކްޓަރަކަށް ދައްކަން ޖެހޭ ހާލަތެއް ނަމަ އެކަމަށް އިރުޝާދު ދޭނެއެވެ.

ޑޮކްޓަރަކު ނެތް ހާލަތެއްގައި ތެރަޕިސްޓެއްގެ އިރުޝާދު ހޯދިދާނެއެވެ. ތެރަޕިސްޓެއްގެ އެހީ ހޯދަން ޑޮކްޓަރު އިރުޝާދުދޭ ހާލަތުވެސް އާދެއެވެ. އެހެންކަމުން މިކަމުގެ ވޭނުގައި ގިނަ ވަގުތު ހޭދަނުކޮށް އަވަހަށް ފަރުވާއެއް ހޯދުން ވަރަށް މުހިންމެވެ. ސަބަބަކީ ފަރުވާ ހޯދުން ލަސްވާ ނަމަ މި ނަފުސާނީ ހާލަތު ދަށަށް ދާތީއެވެ.

މި ބަލީގެ ފަރުވާތައް ވަރަށް ގިނަކަމުގައިވެއެވެ. ބޭހެވެ. ތެރަޕީއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލެވެ. މިފަދަ އެތައް ކަމެކެވެ.

އެންޒައިޓީގައި އަވަސް އަވަހަށް ފާޚާނާއަށް ދެވޭނަމަ އަމިއްލައަށް ކޮށްލާ ބައެއް ކަންތައްތަކުން ވެސް ހައްލު ހޯދިދާނެއެވެ. ހަމަޖެހިލައިގެން މަޑުމަޑުން ނޭވާލުމާއި، ކުޑަކޮށް ބޭރުގައި ހިނގައިލުމާއި، ޔޯގާ ނުވަތަ ރިލެކްސިން އެކްސަސައިޒެއް ކޮށްލެވިދާނެއެވެ. ނޫނީ ގާތް މީހަކާ ވާހަކަ ދައްކާލުމުން ވެސް މިކަމަށް ލުއި ލިބިދާނެކަމަށް ޑޮކަރުން ލަފާދެއްވާފައި ވެއެވެ.